ވިޔަފާރިވިޔަފާރިވެރިން

ވިސްކްއެމްވީގެ މިހާރުގެ އަމާޒަކީ އިތުރު ޕްރޮޑަކްސް ނެރުން

11/08/2021

ޒައިން ރަޝީދު

ފައިނާން ހަސަން


ޝެއަރ

ތަފާތު ވައްތަރުގެ ބްރައުނީއާއި ކޭކުގެ އެކި ބާވަތްތައް ވިއްކުމުގައި މަޝްހޫރު ވިސްކްއެމްވީ އިން މިހާރު އަމާޒު ހިފާފައިވަނީ ވިޔަފާރި ފުޅާކޮށް އިތުރު ޕްރޮޑަކްޓްސް ނެރުމަށެވެ.

ވިސްކްއެމްވީ އަކީ 2017 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގައި ޗޮކްލެޓް ކުކީސް، ބްރައުނީ އަދި ކޭކް ވިއްކުމަށް ހަދާފައިވާ އޮންލައިން ޕޭޖެކެވެ. އިންސްޓެގްރާމުން ފެށި މި މައްސައްކަތް ފުޅާވެ 2019 ވަނަ އަހަރު ކެފޭއެއްވެސް ހުޅުވިއެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކެފޭ ބަންދުކޮށް، ވިސްކްއެމްވީގެ ވިޔަފާރި އޮންލައިންކޮށް ބަދަލުކޮށް މިހާރު ބޭނުންވަނީ އިތުރު ޕްރޮޑަކްޓްސް ނެރުމަށެވެ.

ވިސްކްއެމްވީ އުފެއްދި ފައިނާން ހަސަން ބުނީ މި މަސައްކަތަކީ ވަޒީފާ ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު ފެށި ކަމެކެވެ. އަދި އިސްޓެގްރާމުގައި ހެދި ޕޭޖުން ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބި މިކަމުގައި އިތުރަށް ކުރިއަށްދާން ޝައުގުވެރިވީއެވެ.

"އަސްލު މީ ދެ ޖޮބް ދޭތެރެއިން ފެށުނު ކަމެއް. އަބަދުވެސް ބޭކު ކުރާހިތްވޭ. ދެން އެގޮތަށް އިންސްޓެގްރާމުގައި ފެށީމަ، ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު. އެހާހިސާބުން އަސްލު ފުލްޓައިމްކޮށް މި މަސައްކަތް ކުރަންފެށީ" ފައިނާން ކިޔައިދިނެވެ.

ޒުވާން އުމުރުގައި ފައިނާން ފެށި މި މަސައްކަތަށް މިހާރު އޭނާގެ ހުރިހާ ވަގުތެއްވެސް ވަނީ ހާއްސަކޮށްފައެވެ. އޭނާ ބުނީ މަސައްކަތް ކުރިއަށް ގެންދަނީ އެކިދުވަސްތަކަށް ބަހާލައިގެންނެވެ. ބައެއް ދުވަސްތަކުގައި ބޭނުންވާ ތަކެތި ގަންނަން ވަގުތު ހުސްކުރާއިރު، އަނެއްބައި ދުވަސްތައް މުޅިންވެސް ހުސްކުރަނީ އޯޑަރުތައް ނަގާ، ގަޑިއަށް އޯޑަރުތައް ޑެލިވަރ ކުރުމަށެވެ.

"އަބަދުވެސް ޗެލެންޖަކަށްވޭ ވެޑިން އޯޑާސްތައް. އޭއީ ބައެއްގެ ވަރަށް ހާއްސަ ދުވަހަކަށް ހަދާ ތަކެތިވީމާ ބޭނުންވޭ އެންމެ ފުރިހަމައަށް، ޕާފެކްޓްކޮށް ދެވެން ކަސްޓަމާއާ ހަމައަށް" ފައިނާން ބުންޏެވެ.

ފައިނާން ތައްޔާރުކުރާ ތަފާތު ވައްތަރުގެ ކޭކާއި ބްރައުނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް އާންމެވެ. ފައިނާން ގިނައިން އޯޑަރު ނަގަނީވެސް ސޯޝަލް މީީޑިއާ މެދުވެރިކޮށެވެ. ހާއްސަކޮށް އިންސްޓެގްރާމް މެދުވެރިކޮށެވެ.

ހިޔާލު


ގުޅުންހުރި