ރާއްޖެޖުޑީޝިއަރީ

ޖަމީލު ނައިބު ކަމުން ވަކިކުރި މައްސަލަ ސްޕްރީމް ކޯޓަށް ނުބެލޭނެ

12/08/2021

ޒައިން ރަޝީދު


ޝެއަރ

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނައިބު ރައީސްގެ މަގާމުން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ޑރ. ޖަމީލް 2019 ވަނަ އަހަރު ހުށަހެޅި މި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ ޑރ. ޖަމީލަށް އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށާއި ނަމަވެސް އެ މައްސަލަ އެންމެ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް މައްސަލަ ނުބެލޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން މައްސަލަ ނިންމެވީ މައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ޑރ. ޖަމީލް ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ 2 ނުކުތާއެވެ. އެއީ މަގާމުގައި ހުރުމަށް ނާގާބިލުކަމަށް ކަނޑައެޅެނީ ރައީސުލްޖުމްހޫރިއްޔާގެ ބަހެއް ނެތިކަމަށާއި، އަދި އޭނާ މަގާމުން ވަކިކޮށްފައިވަނީ ވަކީލަކު މެދުވެރިކޮށް އަދި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ނުދީކަމަށެވެ. އެހެން ކަމުން މައްސަލަ ރައްދުވަނީ ރައްޔިތުންގެ މަޖިލީސް ނުވަތަ ދައުލަތަށެވެ. ދައުލަތުގެ ފަރާތުން ވަނީ މި މައްސަލަ ނުބެލޭނެކަން ފާހަގަކޮށްފައެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ރައުޔުއާ މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުން އެއްބަސްވެވަޑައިގަންނަވައެވެ. ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައި ބުނެފައިވަނީ ޑރ. ޖަމީލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާފަދަ ހާލަތަކަށް ފެތޭ މައްސަލައެއްކަމަށް ބެލެވެން ނެތްކަމަށާއި، މި މައްސަލައަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ މައްސަލަތަކުގެ ބާވަތްތަކުގެ ތެރެއިން ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރަކާ އަދި އެފަދަ އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާ ނިންމުމެއް ޤާނޫނުއަސާސީއާ ހިލާފުވާކަމަށްބުނާ މައްސަލައެއްކަމަށެވެ. އެހެން ކަމުން މި މައްސަލަ ބެލުމުގެ އިހްތިސާސް އޮތީ ސިވިލް ކޯޓަށް ކަމުގައި ދެކޭކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލު


ގުޅުންހުރި