ރާއްޖެސަރުކާރު

ވެކްސިން ޖަހަންޖެހޭ 40 ހާސް ދަރިވަރުން އެބަތިބި: އެޑިއުކޭޝަން

15/08/2021

ޢަލީ ޝާމިލް ޙަސަން


ޝެއަރ

ކޮވިޑް-19އިން ދިފާއުވުމަށްޓަކައި ވެކްސިން ޖަހަންޖެހޭ 40،000 ދަރިވަރުން އެބަތިބި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އުމުރުން ބާރާ އަހަރުން ފެށިގެން މަތީގެ ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިނެވެ. މި ވެކްސިނޭޝަން ޕްރޮގްރާމް އިންތިޒާމްކުރަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން، މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެންނެވެ. ވެކްސިން ޖެހުމާ ބެހޭ މައުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނާ ހިއްސާ ކުރާނީ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ސްކޫލްތަކުންނެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ރަޝީދު ވިދާޅުވީ، ވެކްސިން ޖެހުމާ ބެހޭ މައުލޫމާތު އަންގާނެކަމަށާއި ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ސްކޫލެއްގެ ދަރިވަރުންނަށް ވެކްސިން ޖެހުން ކުރިޔަށް ދާނެ ކަމަށެވެ. ރަޝީދު އިތުރަށް ވިދާޅުވީ، އަމާޒަކީ މި މަހުގެ ނިޔަލަށް ހުރިހާ ސްކޫލު ދަރިވަރުންނަށް ވެކްސިން ދީ ނިންމާލުންކަމަށެވެ. މީގެ އިތުރުން، މި އަހަރު އޭލެވެލްއަށް ސްކޫލްތަކަށް ވަންނަ ކުދިންނަށް ވެކްސިން ދިނުމުގެ ކަންކަން ހަމަޖެހިގެންދާނެކަން އޭނާ ފަހަގަކުރެއްވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ މިހާރު ވަނީ ސްކޫލްތަކަށް ވެކްސިން ފޯރުކޮށްދީފައެވެ. އަދި ވެކްސިން ސެންޓަރުތަކުގެ ގޮތުގައި ބޭނުންކުރާނީ ސްކޫލްތައް ކަމަށާއި، ދަރިވަރުން ކިޔުގައި ޖެހެން ނުޖެހޭނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެގޮތުން ކޮންމެ ދަރިވަރަކަށް ވެސް ވެކްސިން ޖެހުމަށް ވަކި ގަޑިއެއް ކަނޑައެޅިފައިވާނެ ކަމަށާއި، 30 މިނެޓް ތެރޭގައި 100 ދަރިވަރުންނަށް ވެކްސިން ދެވޭނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ.

މީގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދަރިވަރުންގެ ރައްކާތެރިކަން ކަށަަވަރު ކުރުމުގެ ގޮތުން، ދަރިވަރުންނަށް ވެކްސިންދޭ އިރު، ޑޮކްޓަރުން ތިއްބަވާނެ ކަމަށެވެ. އަދި ވެކްސިން ޖަހަންދާއިރު ހުރިހާ ދަރިވަރުން ވެސް ރަނގަޅަށް ކައިގެން ދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލު


ގުޅުންހުރި