ރާއްޖެރައްޔިތުންގެ މަޖިލިސް

ހަމަލާގެ ތަހުގީގު ނުނިމެނީސް ރާއްޖެ ދާން ޖެހިލުންވޭ: ނަޝީދު

16/08/2021

ޒައިން ރަޝީދު


ޝެއަރ

6 މޭ ގެ ހަމަލާގެ ތަހުގީގު ނިމި އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި ރާއްޖެ ދިއުމަށް ޖެހިލުންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާ ރާވައި ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމި ކުރިއަށްދާކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ހަމަލާ ރާވާ ހިންގި މީހުން ހައްޔަރު ނުކުރެވެނީސް ރާއްޖެ ދިއުމަށް އެމަނިކުފާނުގެ އާއިލާއާއި ހެޔޮއެދޭ މީހުންވެސް ނޭދޭކަމަށެވެ.

މިއަދުގެ ޖަލްސާގައި އިއްވި އެމަނިކުފާނުގެ ސިޓީގައި އެދިވަޑައިގަތީ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި، ރާއްޖޭން ބޭރުގައި އުޅުއްވުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށެވެ. އަދި ރާއްޖޭން ބޭރު ހުންނަވާއިރު، މަޖިލީހަށާއި ދައުލަތަށް ހިދުމަތް ކުރުމުގައި، ހާއްސަކޮށް އިންޓަރޕާލަމެންޓަރީ ޔޫނިއަންއާއި ކޮމަންވެލްތް ޕާލިމަންޓަރީ އެސޯސިއޭޝަން މެދުވެރިކޮށް ހިންގާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ސީވީއެފް އާއެކު މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުއަށް އަމާޒުކޮށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެއްވުމަށް ޖަރުމަނަށް ކުރެއްވި ދަތުރުފުޅަށްފަހު، ރައީސް ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެންމެ ފަހުން އެމަނިކުފާނު މީޑިއާގައި ވިދާޅުވެފައިވަނީ ރާއްޖެ ވަޑައިގެންނެވޭނީ ސެޕްޓެމްބަރު މަސް ނިމޭހާތާގައި ކަމަށެވެ.

ހިޔާލު


ގުޅުންހުރި