ރާއްޖެސަރުކާރު

މަހުލޫފްގެ މައްސަލައިގައި ގޮތެއް ނިންމާނީ ހިތްހަމަޖެހޭ ވަރަށް ހެކި ލިބޭތޯ ބެލުމަށްފަހު: ޕީޖީ

19/08/2021

ޒައިން ރަޝީދު


ޝެއަރ

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅިގެން ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައާ މެދު ގޮތެއް ނިންމާނީ ހިތްހަމަޖެހޭ ވަރަށް ހެކިލިބޭތޯ ނުވަތަ ނޫންތޯ ބެލުމަށްފަހު ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ) ވިދާޅުވެއްޖެއެވެ.

ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ މަހުލޫފްގެ މައްސަލައިގައި ގޮތެއް ނުނިންމާ ގިނަ ދުވަސްވެއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އެ މައްސަލައަކީ މުއްދަތު ހިނގާ މައްސަލައަކަށް ނުވާތީ ކިތަންމެ ދުވެއްވިޔަސް ދައުވާކުރަން ގާނޫނީ ގޮތުން ހުރަހެއް ނެތްކަމަށެވެ. އެފަދަ މައްސަލަ ތަކުގައި ދައުވާ ލިބޭ ފަރާތާއި ދައުވާ ރައްދުވާ ފަރާތަށްވެސް އެންމެ އިންސާފުވެރި ގޮތަކަށްވާނީ ހިތްހަމަޖެހޭ ވަރަށް ހެކި ލިބޭތޯ ނުވަތަ ނޫންތޯ ބެލުމަށްފަހު ގޮތެއް ނިންމުންކަމަށް ޝަމީމް ވިދާޅުވިއެވެ.

"މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް ދައުވާ ކުރެވޭތޯ. އެހެން ނަމަވެސް އަވަހަށް ދައުވާ ކުރުމަށްޓަކާ އަޅުގަނޑުމެންނަށް އިންސާފުވެރި ނޫންގޮތަކަށް ގޮތެއް ނިންމުމަކީ ރަނގަޅު ގޮތަކަށް ނުވާނެ. އެއްވެސް މީހަކަށް. އެއީ މިނިސްޓަރ މަހުލޫފަށް ކަމަށްވިޔަސް އަދި އެހެން މީހަކަށްވިޔަސް" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ އެއްވެސް މީހެއްގެ މައްޗަށް ލިބެންހުރި ހެއްކެއް ހޯދުމަށް މަސައްކަތްނުކޮށް ދައުވާކުރުމަކީވެސް ގޯސްކަމެކެވެ. އެހެންކަމުން މަހުލޫފުގެ މައްޗަށް ދައުވާނުކޮށް ލަސްކުރަނީ އިތުރު ހެކިލިބޭނެ ކަމަށް ގަބޫލުކޮށް އެކަމަށް މަސައްކަތް ކުރަމުންދާތީ ކަމަށްވެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވިއިރު, މަހުލޫފާ ދެކޮޅަށް ހޯދާފައިވާ ހެކިތަކަކީ ގާނޫނޫ ހިލާފަށް ހޯދާފައިވާ ހެކިކަމަށާއި ދައުވާ ކުރާނެ ފުރުސަތެއް ނެތް ކަމަށް ބުނެ މަހުލޫފް ވަނީ ޕީޖީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެ މަައްސަލަ ދިރާސާ ކުރަމުންދާ ޓީމުން ދައުވާނުކުރަން ނިންމުމުން, އަލުން އެހެން ބަޔަކާ ހަވާލުކޮށްގެން ދައުވާކުރަން މަސައްކަތް ކުރަމުންދާ ކަމަށް މަހުލޫފް ވަނީ ތުހުމަތުކުރައްވާފައެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ އެކަން ދޮގުކޮށްފައެވެ.

މަހުލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ އޭސީސީއާއި އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުން ގުޅިގެން ހިންގި ތަހުޤީޤަށްފަހު، އެމްއެމްޕީއާރސީގެ ފައިސާއިން 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގާފައިވާކަމަށް ބުނެއެވެ.

އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ތަފްސީލު ހިމެނޭ ރިޕޯޓު އޭސީސީން ނެރުނުއިރު އޭގައި މަހުލޫފުގެ މުއާމަލާތެއް ވެސް ހިމެނުނެވެ. އެ މައްސަލައިގައި 14 ފެބްރުއަރީ 2019 ގައި އޭނާ މަޤާމުން ސަސްޕެންޑުކުރިއެވެ. ނަމަވެސް މަހްލޫފްގެ މައްސަލައެއް ނެތްކަމަށް ނިންމާ 16 އޭޕްރީލް 2019 ގައި އޭނާގެ ސަސްޕެންޝަން އުވާލިއެވެ. މަހުލޫފަށް ދައުވާކޮށް ދިނުމަށްއެދި ޕީޖީގެ އޮފީހަށް ފޮނުވާފައިވާއިރު، ވަކިގޮތެއް ނިމެންދެން އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުން ދުރުވުމަށް އަންގަވާފައެވެ.

ހިޔާލު


ގުޅުންހުރި