ރާއްޖެރައްޔިތުންގެ މަޖިލިސް

ބަރުލަމާނީ ނިޒާމު ގެންނަން ޕެޓިޝަނެއްގައި ސޮއިކުރަނީ

22/08/2021

ޒައިން ރަޝީދު


ޝެއަރ

ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަށް ބަދަލުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ރައީސް މުޙައްމަދު ނަޝީދުއަށް ތާޢީދުކުރާ އެމްޑީޕީގެ މެންބަރުން ފެށި މި މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމްއެވެ.

ތާއީދު ހޯދަން މަސައްކަތް ކުރާ މި ޕެޓިޝަނުގައި ބުނެފައި ވަނީ ވެރިކަން ހިންގުމުގެ ނިޒާމު އިސްލާހު ކުރުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެއްކަމުން އެ މަސައްކަތް ކުރުން އަވަސް ކުރަންޖެހޭ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ވެސް ގައުމާ މުހާތަބުކޮށް އަދި އެތައް ފޯރަމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރިޔާސީ ވައުދުތައް ފުއްދުމަށް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާކަން ފާހަގަކޮށްފައިވެއެވެ.

ޕެޓިޝަނުގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ މެންބަރުންގެ ތެރެއިން ރައީސް ނަޝީދުއަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވަނީ ސޮއިކުރައްވާފައެވެ. އެގޮތުން ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި މާފަންމު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި ހެންވެއިރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހިމެނެއެވެ. ނަމަވެސް ރައީސް ސޯލިހަށް ތާޢީދުކުރައްވާ މެންބަރުންނާއި އެމްޑީޕީގެ ބޭފުޅުން ޕެޓިޝަނަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ބަރުލަމާނީ ނިޒާމުގެ އާންމު ވޯޓު ވީހާވެސް އަވަހަކަށް ބޭއްވުމަށް އެދި ހުށަހަޅާ މި ޕެޓިޝަނުގައި ވީހާވެސް ގިނަ ބޭފުޅުން ސޮއިކުރުމަށް ރަައީސް ނަޝީދު ވަނީ އެދިވަޑައިިގެންފައެވެ.

ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދުވަނީ ރައީސުލުޖުމްހޫރިއްޔާއަށް މެސެޖަކުން ދަންނަވާފައެވެ. އެކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަނިކުފާނު އިސްކަން ދެއްވަނީ ރިޔާސީ ވައުދުތައް ފުއްދުމަށްކަމަށެވެ.

ޕެޓިޝަން ހުށަހަޅަން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށެވެ.

ހިޔާލު


ގުޅުންހުރި