ރާއްޖެރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅައިފި

23/08/2021

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ހުށަހަޅައިފިއެވެ.

ރައީސް ނަޝީދުއަށް އިންޒާރު ދީފައިވަނީ އިސްމާޢީލް ޔާފިޒް ބިން މުޙައްމަދު ކިޔާ މީހެކެވެ. ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާކަން ހާމަކުރައްވާ ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއް ޝެއަރކުރުމަށްފަހު ޔާފިޒު ބުނެފައިވަނީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ، ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާލާނެ ކަމަށެވެ.

ޔާފިޒު ދިން މި އިންޒާރާއެކު، ރައްޔިތުންގެ މަޖިލީހުން ވަނީ އެކަން ފުލުހަށް ހުށަހަޅާ، އިންޒާރު ދިން މައްސަލަ ތަހުގީގު ކުރުމަށް އެދިފައެވެ. އަދި އެފަދަ އިންޒާރުތައް ސީރިއަސްކަމާއެކު ނަގާނެކަމަށް މަޖިލީހުން ބުންޏެވެ.

ރައީސް ނަޝީދަށް އިންޒާރު ދީ ލިޔެފައިވާ ޕޯސްޓް


ރައީސް ނަޝީދަށް އިންޒާރު ދިން ޔާފިޒުގެ ފޭސްބުކް ޕްރޮފައިލްގައި މުޅިވެސް ހިއްސާކޮށްފައިވަނީ ހަރުކަށި ފިކުރުގެ ލިޔުންތަކާއި އަނިޔާވެރިކަމަށް ގޮވާލާ އެކަމަށް ހިތްވަރުދޭ ލިޔުންތަކެެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ވެރިންނާއި މުވައްޒަފުންނަކީ މުރުތައްދުވެފައިވާ ކާފަރުން ކަމަށް ބުނެފައިވެއެވެ.

ރައީސް ނަޝީދުއަށް އިންޒާރު ދިން މައްސަލައެއް ފެންމަތިވެފައިވާއިރު، 6 މޭ ގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާގެ ކުރިންވެސް، އެފަދަ އިންޒާރުތައް ދީފައިވާކަން މަޖިލީހުގެ ޕާލަމެންޓަރީ އިންކުއައިރީން ވަނީ ފާހަގަވެފައެވެ.

ހިޔާލު


ގުޅުންހުރި