ރާއްޖެ

ރައީސް ނަޝީދަށް އިންޒާރު ދިން މީހާ ހައްޔަރުކޮށްފި

23/08/2021

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން އިސްމާޢީލް ޔާފިޒް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އުމުރުން 40 އަހަރުގެ އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އޭނާ ރ. މީދޫގައި ހުއްޓައެވެ. މީދޫ ކައުންސިލުން ބުނީ އޭނާ އަކީ އެ ރަށުގެ މީހަކާ އިނދެގެން އުޅޭ މާލޭގެ މީހެއް ކަމަށާއި ހައްޔަރުކުރީ އޭނާގެ އަންހެނުންގެ ގޭގައި ހުއްޓާ ކަމަށެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާކަން ހާމަކުރައްވާ ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއް ޝެއަރކުރުމަށްފަހު ޔާފިޒު ބުނެފައިވަނީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ، ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާލާނެ ކަމަށެވެ.

ޔާފިޒު ދިން މި އިންޒާރާއެކު، ރައްޔިތުންގެ މަޖިލީހުން ވަނީ އެކަން ފުލުހަށް ހުށަހަޅާ، އިންޒާރު ދިން މައްސަލަ ތަހުގީގު ކުރުމަށް އެދިފައެވެ. އަދި އެފަދަ އިންޒާރުތައް ސީރިއަސްކަމާއެކު ނަގާނެކަމަށް މަޖިލީހުން ބުންޏެވެ.

ރައީސް ނަޝީދަށް އިންޒާރު ދިން ޔާފިޒުގެ ފޭސްބުކް ޕްރޮފައިލްގައި މުޅިވެސް ހިއްސާކޮށްފައިވަނީ ހަރުކަށި ފިކުރުގެ ލިޔުންތަކާއި އަނިޔާވެރިކަމަށް ގޮވާލާ އެކަމަށް ހިތްވަރުދޭ ލިޔުންތަކެެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ވެރިންނާއި މުވައްޒަފުންނަކީ މުރުތައްދުވެފައިވާ ކާފަރުން ކަމަށް ބުނެފައިވެއެވެ.

ރައީސް ނަޝީދުއަށް އިންޒާރު ދިން މައްސަލައެއް ފެންމަތިވެފައިވާއިރު، 6 މޭ ގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާގެ ކުރިންވެސް، އެފަދަ އިންޒާރުތައް ދީފައިވާކަން މަޖިލީހުގެ ޕާލަމެންޓަރީ އިންކުއައިރީން ވަނީ ފާހަގަވެފައެވެ.

ހިޔާލު


ގުޅުންހުރި