ރާއްޖެސަރުކާރު

ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރަސްޓްރަކްޗާ ލިމިޓެޑާ ހަވާލުކޮށްފި

26/08/2021

ޒައިން ރަޝީދު


ޝެއަރ

ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރަސްޓްރަކްޗާ ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވިލިމާލެ، ތިލަފުށި، ގުޅީފަޅު، މާލެއާ ގުޅުވާލުމަށް ކުރިއަށް ގެންދާ "ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަރމަނަންޓް ސެކްރެޓްރީ ޒީނިޔާ ހަމީދެވެ. އަދި އެފްކޮންސް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރެވެ.

މި މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖައްސާފައިވަނީ އިންޑިއާގެ ހިލޭގެ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރާއި ލޯނުގެ ގޮތުގައިދޭ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓު މެދުވެރިކޮށެވެ. 6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

ތިލަ މާލެ ބުރިޖުގެ ކުރެހުމެއް


މި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތަށް ބަލާއިރު މާލެއާއި ވިލިމާލެ ބްރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅީފަޅާއި ތިލަފުށި ބްރިޖުގައި ވައްބުރު ޖަންކްޝަނެއް ހިމެނޭއިރު، ކޮންމެ ރަށެއްގައިވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލަރ ޕެނަލްތައް ހަރުކޮށް ބޮކިތައް އީޔާދަކުރަނިވި ހަކަތައިން ދިއްލޭ ނިޒާމު މި މަޝްރޫޢުގެ ތެރެއިން ޤާއިމުވެގެންދާނެއެވެ.

ތިލަ މާލޭ ބުރިޖުގެ ކުރެހުންތައް އިއްޔެ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު, ކުރެހުންތަކުން ފެންނަ ގޮތުގައި ބުރިޖު ފެށޭ ތަނުގައި ހަދާފައިވަނީ އިންޑިއާގެ އާސާރީތަންތަނުން ފެންނަފަދަ މުގަލް ޒަމާނުގެ ފަރުމާއެކެވެ. އަދި ދެ ފަރާތުގައި އިންޑިއާއި ރާއްޖޭގެ ދިދަ ޖަހާފައިވާއިރު މެދުގައި ދައުލަތުގެ ނިޝާން ޖަހާފައިވެއެވެ.

ހިޔާލު


ގުޅުންހުރި