ރާއްޖެޖުޑީޝިއަރީ

ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލަ ޖޭއެސްސީން ބަލަނީ

29/08/2021

ޒައިން ރަޝީދު


ޝެއަރ

ކުރީގެ ރައީސް އަބްދުالله ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ބައެއް ފަނޑިޔާރުންގެ އޯޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައްސަލަ ހާއްސަ ސަމާލުކަމެއް ދީގެން ބަލާނެކަމަށް ޖުޑީޝިއަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.

ކްރިމިނަލް ކޯޓުން ބެލި ރައީސް ޔާމީންގެ މައްސަލައިގެ ހުކުމް ކުރުމުގައި ބައިވެރިވި ބައެއް ފަނޑިޔާރުން އެ މައްސަލަ ވަކިގޮތަކަށް ނިންމުމަށް ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ ގޮތަށް ފަނޑިޔާރުން ވާހަކަ ދައްކާފައިވާ އޯޑިއޯތަކެއް ދަނީ ދައުރުވަމުންނެވެ. މި އޯޑިއޯތަކުގެ ތެރޭގައި ގާޒީ އަލީ އާދަމްއާއި ގާޒީ ހުސެއިން ފާއިޒުގެ އިތުރުން ގާޒީ މުހައްމަދު ސަމީރު, ރައީސް ޔާމީންގެ ޝަރީއަތާ ބެހޭގޮތުން ވާހަކަ ދައްކާ އަޑުއިވެއެވެ.

ގާޒީ ފާއިޒުގެ އޯޑިއޯކަމަށް ބުނެ ދައުރުވަމުންދާ އޯޑިއޯގައި އޭނާގެ ރައްޓެއްސަކާއެކު ދެއްކި ކަމަށް ބެލެވޭ ވާހަކަތަކުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންނަށް ހުކުމް ކޮށްފައިވަނީ ފަނޑިޔާރުން "ރަހީނުކޮށްގެން" ކަމަށެވެ. އަދި ސީދާ ފަނޑިޔާރުން ނޫނަސް, ފަނޑިޔާރުންނާ ގާތްގުޅުމެއް އޮންނަ ނުވަތަ އަންހުންވެސް "ރަހީނު" ކުރެވިދާނެކަމަށް ދޭހަވާ ގޮތަށް އޭނާ ވާހަކަ ދައްކާ އަޑުއިވެއެވެ.

ގާޒީ އަލީ އާދަމްގެ އޯޑިއޯގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އޭނާއާ ބައްދުކޮށް ރައީސް ޔާމީންގެ ޝަރީއަތުގެ ބެންޗުގައި އިނުމަށް އެދުނުކަމަށް އެއްބަސްވެއެވެ. އަދި ހުކުމްގައި އޮތީ ކޯޗެއްކަން އެއްގޮތަކަށްވެސް ނޭގޭ ކަމަށް އޭނާ ބުނެއެވެ. މީގެ އިތުރުން ހުކުމް އިއްވުމުގެ ކުރިން ހުކުން އިއްވެވި ގާޒީ އަލީ ރަޝީދު ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރާނެކަން އޮތީ އެނގިފައިކަމަށް ގާޒީ އަލީ އަދާމް ވިދާޅުވާ އަޑު އިވެއެވެ.

އަދި ގާޒީ ސަމީރުގެ އޯޑިއޯގައި އޭނާ ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ހުކުން އިއްވި ބެންޗު އެކުލަވާލައި ހުކުމް ކުރުމަކީ ގާޒީ އަލީ ރަޝީދު ކުރި ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ޖޭއެސްސީން މިރޭ ނެރުނު ބަޔާނުގައި ބުނީ ފަނޑިޔާރުންނަކީ, ވަކި ފަރާތަކަށް ބުރަނުވެ, ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ, ތައައްސުބުން އެއްކިބާވެ, ޤާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް ކަންތައްތައް ނިންމުންމަތީ ދެމިތިބެންޖެހޭ ބައެއްކަމަށް ވީހިނދު, އަމިއްލަ ފަރުދަކު ވިޔަސް, ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް, ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާކަމަށް ކުރެވޭ ތުހުމަތުތަކަކީ, ފަނޑިޔާރު ގޭގެ އިތުބާރު ނެގެހެއްޓުމާއި, ފަނޑިޔާރު ގޭގެ މިނިވަންކަމާއި, އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި, ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ޖޭއެސްސީން ބަލާ ތަހުގީގުކުރާނެ ކަމެއް ކަމަށެވެ.

ހިޔާލު


ގުޅުންހުރި