ރާއްޖެސަރުކާރު

ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރަން އެމްޓީސީސީއަށް

01/09/2021

ޒައިން ރަޝީދު


ޝެއަރ

ކ. އަތޮޅު ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން މިނިސްޓްރީ އޮފް ޕްލޭނިންގ އިން މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މިމަސައްކަތް ހަވާލުކުރީ މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ، ރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި މަސް ތެރޭގައި ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަށް މަސް ތެރޭގައި އެރަށަށް ޕިކްނިކް ދެވޭވަރު ވާނެކަމަށެވެ.

މާލެއާ 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކާނެ އެވެ. އެއީ އަށް ހެކްޓަރުގެ ޕިކްނިކް އައިލެންޑްއަކާއި ސޭންޑްބޭންކް ގޮތަށް ހަދާ 1.5 ހެކްޓަރުގެ ރަށެކެވެ.

41.4 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އަށް ހެކްޓަރުގެ ބިން ހިއްކައި، 397.27 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ އަކާއި 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް ޖަހާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ. މި މަސައްކަތް ނިންމަން ހަވާލުކޮށްފައި ވަނީ ފަސް މަސް ދުވަސް ތެރޭގައެވެ.

ހިޔާލު


ގުޅުންހުރި