ރާއްޖެސަރުކާރު

އަނެއްކާވެސް އިންޑިއާ އެގްޒިމް ބޭންކުން 40 މިލިއަން ޑޮލަރުގެ ލޯނެއް

02/09/2021

ޒައިން ރަޝީދު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އެގްޒިމް ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރުމިތު - ފޮޓޯ: ފިނޭންސް މިނިސްޓްރީ


ޝެއަރ

ރާއްޖޭގައި މިހާރު ހުރި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީ ކުުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 40 މިލިއަން ޑޮލަރު (618 މިލިއަން ރުފިޔާ)ގެ ލޯނު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. އަދި އެގްޒިމް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރުމިތު ވެޑްއެވެ.

މި ފައިސާ ޚަރަދު ކުރުމަށް ނިންމާފައިވަނީ މިހާރު ހުރި ކުޅިވަރު ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށާއި މާލެ އާއި އަތޮޅުތެރޭގައި ކުޅިވަރު ވަސީލަތްތައް ގާއިމްކޮށް އިތުރު ދަނޑުތައް އެޅުމަށެވެ. އެގޮތުން ފުޓުބޯޅަ އާއި، ވޮލީބޯޅަ, އަދި ބާސްކެޓާއި ޓީޓީ ކުޅުންތެރިންނަށާއި ދުވުންތެރިންނަށް ބޭނުންވާ ވަސީލަތްތަކާއި ޒުވާނުންގެ މަރުކަޒުތައް އަޅަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން ގަލޮޅު ދަނޑު އިތުރަށް ތަރައްގީކުރުމާއި ގައުމީ ފެންވަރުގެ ކުޅިވަރު ސެންޓަރުތަކެއް އެޅުމަށް ރާވާފައިވެއެވެ. އަދި ހަތަރު ރަށެއްގައި ސިންތެޓިކް ޓްރެކް އެޅުމާއި ބައެއް ރަށްރަށުގައި ޒުވާނުންގެ މަރުކަޒުތައް ގާއިމްކުރާނެކަމަށް ސަރުކާރުން ބުނެއެވެ.

އެގްޒިމް ބޭންކުން އިތުރު ލޯން އެއްބަސްވުމުގައި މިއަދު ސޮއިކުރިއިރު, މިހާރުވެސް ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ލޯނު އެ ބޭންކުން ނަގާފައެވެ. އަދި ރާއްޖޭގެ ދަރަނީގެ އަދަދު ބޮޑުތަކުން އިތުރުވެ, ދަރަނި ދެއްކުމުގެ ގާބިލުކަން ނެތްކަމަށް ބުނެ މޫޑީސްއިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ.

ހިޔާލު


ގުޅުންހުރި