ރާއްޖެރައްޔިތުންގެ މަޖިލިސް

ފަނޑިޔާރުގެއަށް ރައްޔިތުންގެ އިތުބާރު ބޮޑުވެއްޖެ, ޖޭއެސްސީ ހިންގަނީ ރަނގަޅަށް: ރައީސް ނަޝީދު

05/09/2021

ޒައިން ރަޝީދު


ޝެއަރ

ފަނޑިޔާރުގެއަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު ވެއްޖެކަމަށާއި ޖުޑީޝިއަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަސައްކަތް ދަނީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ އޮފީހުން އިންތިޒާމްކޮށްގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރުގެއަށް އެއްވެސް ބަޔަކު ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ސަރުކާރުގެ ވުޒާރާއެއްގައި ނުވަތަ ސަރުކާރުގެ މަގާމެއްގައި ހުރި ބޭފުޅަކު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާނަމަ އެކަން ބަލާ ތަހުގީގުކުރަންޖެހޭ ކަމަށެވެ.

ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމުގެ ބޮޑެތި ތުހުމަތުކޮށް, ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަށް ގުޅުއްވާ ވަކިގޮތަކަށް ހުކުމްކުރުމަށް އެންގެވިކަމަށް ފަނޑިޔާރުން ވިދާޅުވާ އޯޑިއޯތަކެއް ލީކުވެފައިވާއިރު ކުރީގެ ބައެއް ފަނޑިޔާރުންވެސް ވަނީ އެކަން ތެދުކޮށް އަލީ ޒާހިރާ ދެކޮޅަށް ވާހަކަ ދައްކަވާފައެެވެ. ރައީސް ނަޝީދު މިކަން ސިފަކުރެއްވީ އެއީ އަމިއްލަ ހައިސިއްޔަތުން ކުރެއްވި ކަމެއްގެ ގޮތުގައެވެ.

މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ, އެ މައްސަލަތައް ޖޭއެސްސީއިން ތަހުގީގުކުރާނެ ކަމަށާއި ޖޭއެސްސީގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ފަނޑިޔާރުން އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވުމަކީވެސް ބަލައިގަނެވޭނެކަމެއް ނޫނެވެ. ނަމަވެސް ޖޭއެސްސީއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް އެ މަނިކުފާނު އެއްޗެއް ވިދާޅެއެނުވެއެވެ. ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ތާޢީދުކުރައްވާ ވިދާޅުވީ, ރާއްޖެއާ ގުޅޭގޮތައް ޖޭއެސްސީ އެކުލަވާލުމުގެ ބަހުސެއް ކުރަންޖެހޭ ކަމަށެވެ.

ޖޭއެސްސީގައި މިހާރު ތިއްބެވި ބޭފުޅުންނަށް އިދިކޮޅުންވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ޖޭއެސްސީގައި މިހާރު ހިމެނެނީ އެއް ލޯފާމެއްގެ ބައެއް ކަމަށާއި އެތަނުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. ކުރީގެ ބައެއް ފަނޑިޔާރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ޖޭއެސްސީން އެބޭފުޅުންގެ މަސްލަހަތު އޮންނަ މަސައްލަތަކަށް ނުފޫޒު ފޯރުވާކަން ވަނީ ހާމަކޮށްފައެވެ.

ފަނޑިޔާރުގެއަށް ރައްޔިތުންގެ އިތުބާރު ބޮޑު ވެއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު, ފަނޑިޔާރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުފޫޒު ފޯރުވާކަމުގެ ބޮޑެތި ތުހުމަތުތައްވަނީ ކޮށްފައެވެ. މި ކަމުގައި ތުހުމަތު ކުރެވޭ ބައެއް ފަނޑިޔާރުންގެ މައްސަލަ ބަލަމުންދާ ކަމަށް ޖޭއެސްސީން ބުނެފައިވާއިރު, މައްސަލައިގައި ތުހުމަތުވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއާ މެދު އަދި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ހިޔާލު


ގުޅުންހުރި