ވިޔަފާރި
ކަޅުދިޔަފުށި ވިއްކާލަން އަނެއްކާވެސް އިއުލާނުކޮށްފި
08/09/2021
ޒައިން ރަޝީދު
ޝެއަރ
ގްރޭން މިލިއާ ހުރަވީގެ ނަމުގައި ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ ކަޅުދިޔަފުށި ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް އިން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
ކަޅުދިޔަފުށި ވިއްކާލަން އިއުލާންކުރީ އެރަށް ތަރައްގީ ކުރަމުން އަންނަ ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ލޯނަށް ފައިސާ ނުދައްކައިގެންނެވެ. ތ. އަތޮޅު ގާދިއްފުށީ ކައިރީގައި އޮންނަ ކަޅުދިޔަފުށި ތަރައްގީ ކުރާ ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަކީ ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މަނިކު ދޮންމަނިކުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
މިރަށުގެ މައްސަލަ ފުރަތަމަ ޖެހުނީ 2016 ވަނަ އަހަރުގައެވެ. ހުރަވީ އިންޓަރނޭޝަނަލް އިން ލޯނަށް ފައިސާ ނުދައްކައިގެން ބީއެމްއެލްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ރަށް ވިއްކާލުމުގެ ހުއްދަ ކޯޓުންވަނީ ދީފައެވެ. އެގޮތުން 29.5 މިލިއަން ޑޮލަރަށް ރަށް ވިއްކާލަން ފުރަތަމަ އިއުލާން ކުރީ 2019 ވަނަ އަހަރުގައެވެ.
ކަޅުދިޔަފުށީގައި ހަދާފައިވާ ވޯޓާވިލާއެއް
2015 ވަނަ އަހަރު ރިސޯޓު ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ މި ރަށް ތަރައްގީ ކުރަމުންދަނީ 108 ކޮޓަރި ހިމެނޭ ރިސޯޓެއްގެ ގޮތުގައެވެ. ސްޕެއިންގެ މެލިއާ ހޮޓެލްސް އާ ގުޅިގެން މި މަސައްކަތް ކުރާއިރު ރިސޯޓުގެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައެވެ. ރިސޯޓު ހުޅުވަން 2 ފަހަރެއްގެ މަތިން މަސައްކަތް ކުރިނަމަވެސް އަދި ރިސޯޓު ހުޅުވޭގޮތެއް ނުވެއެވެ.
ކަޅުދިޔަފުށި އަކީ އެމްއެމްޕީއާރސީގެ ޚިޔާނާތުގައި ތަހުގީގުގައި އެންޓި- ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރި ރަށެވެ. މި ރަށުގެ އެކިއުޒިޝަން ފައިސާ އޭރުގެ މެންބަރު ދެއްކެވީ އެމްއެމްޕީއާރސީގެ ހިޔާނާތުގައި ބައިވެރިވާ އެސްއޯއެފް ކުންފުނި މެދުވެރިކޮށް ކަމަށް އެމްއެމްޕީއަރސީގެ ހިޔާނާތުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ރަށް ގަތުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ހިޔާލު
ގުޅުންހުރި