ރާއްޖެސަރުކާރު

ޕޮލިޓެކްނިކްގެ އޮޓޮމޯޓިވް ވޯކްޝޮޕް ޒަމާނީ މެޝިނަރީއާއެކު ހުޅުވައިފި

08/09/2021

ޒައިން ރަޝީދު


ޝެއަރ

މޯލްޑިވްސް ޕޮލިޓެކްނިކްގެ އޮޓޮމޯޓިވް ވޯކްޝޮޕް ޒަމާނީ މެޝިނަރީއާއެކު މިއަދު ހުޅުވައިފިއެވެ.

ޕޮލިޓެކްނިކްގައި ބޭއްވި ރަސްމިއްޔާތެއްގައި ވޯކްޝޮޕް ހުޅުއްވާދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާއެވެ.

ދިވެހި ސަރުކާރާއި ވޯލްޑް ބޭންކު ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓުގެ ދަށުން, ޕޮލީޓެކްނިކުގައި ގާއިމްކުރި މި ވޯކްޝޮޕްގައި އެންމެ ޒަމާނީ މެޝިނަރީއާއި އާލާތްތައް ހިމެނެއެވެ. އޮޓޮމޭޓިވް މަސައްކަތްތައް ދަސްކޮށްދިނުމާއި އެކަމާ ގުޅޭ ޓެސްޓްތައް ހެދުމަށް ބޭނުންވާ މި ތަކެތީގެ ސަބަބުން މިހާރު ހިންގާ ކޯސްތަކުގެ ފެންވަރު ރަނގަޅުވެ, ކިޔަވައިދިނުމުގައި އިތުރު ކުރިއެރުންތައް ލިބޭނެކަމަށް ޕޮލީޓެކްނިކުން ގަބޫލުކުރެއެވެ.

"ވަރަށް ބޮޑެތި ބަދަލުތަކެއް މިއައީ ވޯކްޝޮޕަށް. އޭގެ އެއް ބަދަލަކީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ނުވަތަ ޓްރޭނިންގ މޮޑިއުލްތައް ބޭނުންކޮށްގެން ކުދިންނަށް ޓްރޭނިންގ ދެވޭކަން. އަނެއް ބަދަލަކީ މިހާރު އަޅުގަނޑުމެން މިހިންގާ ފެންވަރު, ކޯސްތަކުގެ ފެންވަރު ހައިވެގެން ދިއުން" އޮޓޮމޭޓިވް ލެކްޗަރާ އަބްދުލް ރައްޒާގު ވިދާޅުވިއެވެ.

މި ވޯކްޝޮޕްގެ ސަބަބުން މި ދާއިރާއިން ޒުވާނުން ތަމްރީންކުރުމާއި ވަޒީފާ އިތުރުވެ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހުޅުވިގެންދާނެއެވެ. އަދި ޕޮލީޓެކްނިކުން އުންމީދު ކުރަނީ މިހާރު ހިންގަމުންދާ ކުރު މުއްދަތުގެ ކޯސްތައް ދިގުމުއްދަތުގެ ފެންވަރު ރަނގަޅު ކޯސްތަކަށް ބަދަލުކުރުމަށެވެ. މީގެ އިތުރުން ވޯކްޝޮޕްގެ ސަބަބުން ވެހިކަލްތަކަށް ދިމާވާ މައްސަލަތަކާއި އެކްސިޑެންޓު ވުމަށް ދިމާވާ ބައެއް ކަންކަން ދެނެގަނެވި އެކަމާ ގުޅޭގޮތުންވެސް ދަރިވަރުން ތަމްރީން ކުރުމަށް ހަމަޖެހިފައިވެއެވެ.

ވޯކްޝޮޕް ހުޅުމުވުމުގެ ރަސްމިއްޔާތުގައި ޕޮލީޓެކްނިކްގެ ސީއީއޯ އަހްމަދު ނާސިރު ވިދާޅުވީ އޮޓޮމޯޓިވް ދާއިރާއަށް ކިޔަވަދޭނެ މީހުން ތަމްރީން ކުރަންޖެހޭ ކަމަށާއި މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ ދަތި ކަމަކީ އެ ދާއިރާއިން މީހުން ތަމްރީނު ކޮށްދޭނެ ފަރާތްތައް ނުލިބުމެވެ. އަދި ޕޮލިޓެކްނިކުން މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ޒަމާނީ ވަސީލަތްތާކާއެކު މީހުން ތަމްރީނު ކުރުމަށް ކުރަމުންދާ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.

އޮޓޮމޯޓިވް ދާއިރާއިން ޕޮލިޓެކްނިކުން މިހާރު ހިންގަމުންދާ ކޯސްތަކުގެ ތެރޭގައި:

ޑިޕްލޮމާ އިން އޮޓޯމޯޓިވް އިންޖިނިއަރިންގ

އެޑްވާންސްޑް ސެޓްފިކެޓްއިން އޮޓޯމޯޓިވް އިންޖިނިއަރިން

ސެޓްފިކެޓް 3 އިން އޮޓޯމޯޓިވް ރިޕެއާ އެންޑް މެއިންޓަނަންސް ހިމެނެއެވެ.

ހިޔާލު


ގުޅުންހުރި