ރާއްޖެސަރުކާރު

ޕައިލެޓުންގެ ގިނަ ޝަކުވާ ތަކެއް, ބައެއް ކަންކަމަކީ އާދައިގެ ކަންކަން

10/09/2021

ޒައިން ރަޝީދު


ޝެއަރ

އައިލޭންޑް އޭވިއޭޝަންގައި މަސައްކަތް ކުރާ ޕައިލެޓުން އެމީހުންގެ ޝަކުވާތައް ބަންޑުންކޮށްލީ ބުރާސްފަތި ދުވަހުގެ ރޭ އެކުންފުނީގެ މެނޭޖުމަންޓުން ޕައިލެޓުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމަކީ އައިލޭންޑް އޭވިއޭޝަންގެ ސީޕްލޭންގައި މަސައްކަތް ކުރާ 7 ޕައިލެޓުންނާއި އެކުންފުނީގެ 3 އިސްވެރިން ކުންފުނިން ވަކިވާން ހުށަހެޅުމާ ގުޅިގެން ޕައިލެޓުންގެ ޝަކުވާތައް އަޑުއެހުމަށް ބޭއްވި ބައްދަލުވުމެކެވެ. ބައްދަލުވުމުގައި ސީޕްލޭންއާއި ޑޭޝް8 ގައި މަސައްކަތް ކުރާ ޕައިލެޓުންނާއި ކޯޕައިލެޓުން ބައިވެރިވެ އެމީހުންގެ ޝަކުވާތައް އޮށްސާލިއެވެ.

ޕައިލެޓުންނާއި އެ ކުންފުނީގެ ގިނަ މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާއަކީ މުސާރައާއި އިނާޔަތްތައް ކުޑަވުމުގެ ސަބަބުން, ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސޭކަމުގެ ޝަކުވާއެވެ. ކޮވިޑުގެ ހާލަތާ ގުޅިގެން އެކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ 50 އިންސައްތަ ވަނީ އުނިކޮށްފައެވެ. ނަމަވެސް މުސާރަ ކުޑަކުރުމުގެ ކުރިން ހުރިހާ ވެރިންގެ މުސާރަ ވަނީ ބޮޑުތަނުން ބޮޑުކޮށްފައެވެ. އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީންވެސް ބެލިއެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން މުސާރަ ކުޑަކުރި ގިނަ ސަރުކާރު ކުންފުނިތަކުގެ މުސާރަ މިހާރު ވަނީ އަލުން ކޮވިޑުގެ ކުރިން ހުރި މިންވަރަށް އިޔާދަކޮށްފައެވެ. ނަމަވެސް އައިލޭންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މުސާރަ އިޔާދައެއް ނުކުރެއެވެ.

މުސާރައިގެ މައްސަލާގައި ބުރާސްފަތި ދުވަހުގެ ރޭގެ ބައްދަލުވުމުގައި ކުންފުނީގެ މެނޭޖްމަންޓުން ބުނީ މުސާރަ އިޔާދަކުރަން މަސައްކަތް ކުރަމުންދާކަމަށާއި އެކަމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް މުސާރަ އިޔާދަކުރަނީ ކިހާ މިންވަރަކަށް ކަމެއް ހާމައެއް ނުކުރެއެވެ. އިތުބާރުހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި މުސާރަ އިޔާދަކުރަން ނިންމާފައިވަނީ 80 އިންސައްތައެވެ. އަދި މިއީ ޕައިލެޓުން ބޭނުންވާ ގޮތެއް ނޫނެވެ. އެމީހުން ބޭނުންވަނީ ކޮވިޑުގެ ކުރިން ހުރި މިންވަރަށް 100 އިންސައްތައަށް އިއްޔާދަކުރުމަށެވެ.

ބައްދަލުވުމުގައި ބައެއް ޕައިލެޓުންވަނީ ވަރަށް އަސަރާއެކު އެމީހުންގެ ވާހަކަ ހިއްސާކޮށްފައެވެ. އެގޮތުން ކުންފުނީގެ އެޗްއާރު ޑިޕާރޓްމަންޓުން ކަންކަން ކުރަމުންދާ ގޮތް ވަރަަށް ރަނގަޅަށް ކިޔައިދިނެވެ. އެމީހުން ކިޔައިދިން ގޮތުގައި ވަރަށް އާދައިގެ ކަންކަންވެސް އެތަނުން ނުކޮށްދެއެެވެ. ބޭނުންވާ މައުލޫމާތުވެސް ފޯރުކޮށެއް ނުދެއެވެ. އަދި ކަމެއް ބޭނުންވެގެން ގުޅިޔަސް އެޗްއާރުން އަޅާވެސް ނުލައެވެެ.

"ވަރަށް އާދައިގެ ކަންކަންވެސް ރޭގައި ބައެއް ޕައިލެޓުން ފާހަގަ ކުރި. މިސާލަކަށް ފްލައިންއަށް ދިއުމުގެ ކުރިން ކުރޫއާ ބައްދަލުކޮށް ވާހަކަ ދައްކާލާ ޕްލޭން ކޮށްލާނެ ގޮތެއް ހަމަޖައްސަން އާދޭސްކުރީމަވެސް އެކަމެއްވެސް ނުވޭ. އެޗްއާރުން އެއްވެސް ވަރަކަށް އަަޅާނުލާ. ޚަބަރެއް ވާނަމޭ ބުނެފަ ފޯނުކޮށްކޮށް މަރުވިޔަސް އަޅެއް ނުލާ" ބައްދަލުވުމުގައި ބައިވެރިވި މީހަކު ކިޔައިދިނެވެެ.

އެންމެ ބޮޑަށް ޕައިލެޓުންގެ ފާޑުކިޔުން އަމާޒުވީ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ހެޑް ހުސައިން ސުހެއިލް އަށެވެ. ޕައިލެޓުން ވަނީ އޭނާއާ ދޭތެރޭ ގިނަ ޝަކުވާތައް އުފުލާ އޭނާއާމެދު އިތުބާރު ނެތްކަން ދެއްކުމުގެ ގޮތުން އަތް ނަގާ ވޯޓުވެސް ދީފައެވެ. އަދި އެ ވޯޓުގައި ބައްދަލުވުމަށް ދިޔަ ހުރިހާ ޕައިލެޓުން ބައިވެރިވިއިރު, އެ މީހުންގެ ނުރުހުން ފާޅުކުރުމުގެ ގޮތުން ހުރިހާ ޕައިލެޓުންހެން އޭނާއާ ދެކޮޅަށް ދެ އަތް ނެގިއެވެ.

ޕައިލެޓުންނާއެކު ބޭއްވި ބައްދަލުވުމުގައި އެޗްއާރުގެ އެއްވެސް ބޭފުޅަކު ބައިވެރިއެއް ނުވެއެވެ. އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުވެސް ބައްދަލުވުމުގެ ވަކި ހިސާބަކުން ބައްދަލުވުން ދޫކުރައްވާ ވަޑައިގެންނެވީއެވެ. ޕައިލެޓުން ހުށަހެޅި މައްސަލަތައް ހައްލުކުރުމަށް އެމީހުން ދީފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލެވެ. އޭގެ ފަހުން މައްސަލަ ހައްލު ނުވާނަމަ ހޯމަ ދުވަހު ހުރިހާ ޕައިލެޓުން ސާލާމް ބުނުމަށް ވަނީ ރާވާފައެވެ.

މީގެ އިތުރުން ޕައިލެޓުންނާ ގުޅޭގޮތުން އައިލޭންޑް އޭވިއޭޝަންގެ ޕީއާރު މެނޭޖަރ މޫސާ ވަސީމް މީޑިއާއަށް ދެއްވި އިންޓައިވުތަކާ ގުޅިގެން ބައެއް މުވައްޒަފުންވަނީ ފާޑުކިޔާ, ޕައިލެޓުންގެ ޔުނިފޯމް ލައްވާ އޭނާގެ ފޮޓޯ ހަދާ ޖޯކުވެސް ޖަހާފައެވެ.

އައިލޭންޑް އޭވިއޭޝަން މިހާރުވެސް ހިންގަނީ ގެއްލުމުގައެވެ. ނަމަވެސް ގައުމީ އެއަރލައިނެއް އޮތުން މުހިއްމު ކަމަށް ސަރުކާރަށް ފެންނާތީ އެކުންފުނި ރަގަނޅުކޮށް، ބޭރުގެ އުދުހުންތަކުން ފައިދާވާނެ ފަދަގޮތަކަށް ކުންފުނި ބައްޓަންކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މި މަސައްކަތުގެ ދަށުން ބޭރުގެ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗަރ ހެދުމުގެ މަޝްވަރާތައް ދަނީ ކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި