ރާއްޖެސަރުކާރު

"އެމްއެމްޕީއާރސީގެ ސައްހަ ލިސްޓު ފެށެނީ މިހާރުގެ ޕީޖީއާ ހަމައިން"

12/09/2021

ޒައިން ރަޝީދު

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް


ޝެއަރ

ރާއްޖޭގައި މިފަހުން ހިންގި އެންމެ ބޮޑު ޚިޔާނަތް، އެމްއެމްޕީއާރސީގެ ކޮރަޕްޝަން ފައިސާ ލިބުނު މީހުންގެ ސައްހަ ލިސްޓު ފެށެނީ މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްއާ ހަމައިން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުކޮށް ދައުލަތުން ދައުވާ އުފުލާފައިވާ އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސައްހަ ލިސްޓު ފެށެނީ އަދުގެ ޕްރޮސިކިއުޓަރ ޖެނެރަލާ ހަމައިންނެވެ. އަދި ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން ނޯޅޭ ކަމަށާއި ފޯނުތަކާއި ލެޕްޓޮޕް އިނގިރޭސި ތަހުގީގު ޓީމަށް ރައްދުކޮށްދިނީ އޭނާ ކަމަށެވެ.

"ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އަޅުގަނޑުމެންނަކަށް ނޯޅޭ! ތިޔަ ފޯނުތަކާ ލެޕްޓޮޕާ އިނގިރޭސި ތަޙުޤީޤު ޓީމަށް ރައްދުކޮށްދިނީ އަޅުގަނޑު. ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން މިއަޑު ކަނޑުވާނުލެވޭނެ." އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައާ ގުޅުވައިގެން ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެކަމަށެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު އެމްއެމްޕީއަރުސީގެ ތަހުގީގަށްފަހުވެސް އެމަނިކުފާނުގެ އެކަައުންޓުތައް ފްރީޒް ނުކުރެވުނުކަމަށެވެ.

"ރައީސް ޔާމީންގެ މައްޗަށް އެމް.އެމް.ޕީ.އާރު.ސީ. މައްސަލައާ ގުޅުވާ ކުރެވޭނެ އެއްވެސް ދަޢުވާއެއް ނޯންނާނެ. އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަޙުޤީޤުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ މިދެންނެވި ސަބަބާހެދި. ރައީސް ޔާމީން މިނިވަންކުރަންޖެހޭ" އަލީ ވަހީދުގެ ޓުވީޓުގައި ވެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވެ މިއަދު ޓުވީޓު ކުރެއްވިއިރު, ދައްކަން އުޅުނު ވާހަކަ ދައްކާނެ ކަމަށް ބުނެ މީގެ ދެ ދުވަސްކުރިން ސަރުކާރަށް ވަރު ގަދަ އިންޒާރެއް ދެއްވަމުން އޭނާ ވިދާޅުވީ ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީ ފަހަތަށް ނުޖެހޭނެކަމަށާއި އަދި އިންސާފުވެރި ޢަދުލުވެރި ޝަރުޢީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާނެކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން މަަސައްކަތް ކުރަމުން ދަނިކޮށް އިނގިރޭސިވިލާތުގެ ފުލުހުން ހައްޔަރުކޮށްފައިވާ އަލީ ވަހީދު އަނެއްކާވެސް މިއަދު ޓުވީޓުކުރެއްވިއިރު، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް އޭނާ ހާޒިރުކުރުމަށް އިންޓަރޕޯލް މެދުވެރިކޮށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ވިސާ ހަމަވެގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް އިނގިރޭސި ފުލުހުން ދިވެހި ސަރުކާރަށް މިހާރު އަންގާފައިވާ ކަމަށް ހާމަކޮށްފައިވެއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.

މީގެ އިތުރުން ސްޕްރީމް ކޯޓަށް ހާޒިރުވުމަށް އެންގުމުން ހާޒިރުވެފައި ނުވާތީ އެ ކޯޓުގެ ހުރުމަތްކެޑިކަމަށް ބަލާ އޭނާ ޖަލަަށް ލުމަށް ސްޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ހިޔާލު


ގުޅުންހުރި