ރާއްޖެސަރުކާރު

އިހުތިޖާޖު ނުކުރުމަށް އެދި ރައީސް ޕައިލެޓުންނާ ބައްދަލުކުރައްވައިފި

12/09/2021

ޒައިން ރަޝީދު


ޝެއަރ

މުސާރައާއި އިނާޔަތްތަކާ މެދު ހިތްހަމަ ނުޖެހިގެން އައިލޭންޑް އޭވިއޭޝަންގެ ޕައިލެޓުންތައް މަސައްކަތް ހުއްޓާލުމަށް ނިންމުމާ ގުޅިގެން، އެކަން ނުކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ޕައިލެޓުންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު 12 ޖެހިއިރު އައިލޭންޑް އޭވިއޭޝަންގެ ބައެއް ޕައިލެޓުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ޕައިލެޓުންވަނީ އެމީހުންގެ ޝަކުވާތައް ރައީސަށް ދަންނަވާފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއްކަމަކީ މުސާރަ އިޔާދަނުވާ މައްސަލައެވެ.

ކޮވިޑުގެ ހަލާތާ ގުޅިގެން އައިލޭންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މުސާރަވަނީ 50 އިންސައްތަ ކުޑަކޮށްފައެވެ. ނަމަވެސް ކޮވިޑުގެ ކުރިން އެކުންފުނީގެ ހުރިހާ ވެރިންގެ މުސާރަވަނީ ވަރަށް ބޮޑަށް ބޮޑުކޮށްފައެެވެ. އަދި އެ މައްސަަލަ ރައްޔިތުންގެ މަޖިލީހުންވެސް ބެލިއެވެ.

ޕައިލެޓުން ހުށަހެޅި މުސާރައިގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ އަންނަ މަހުން ފެށިގެން ޕައިލެޓުންގެ މުސާރައިގެ 80 އިންސައްތަ އިޔާދަކުރަން ނިންމާފައެވެ. އަދި އަންނަ އަހަރުން ފެށިގެން 100 އިންސައްތަ އިޔާދަކުރާނެކަމުގެ ޔަޤީންކަށް ދީފައިވާ ކަމަށް ޕައިލެޓުން ބުނެއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ ގައުމީ އެއަލައިންގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ދިއުމުގެ މުހިއްމު ކަން ފާހަގަކުރައްވާ، މަސަައްކަތަށް ނިކުތުމަށް ޕައިލެޓުން ކިބައިން އެދިވަޑައިގެންފައެވެ. ނަމަވެސް ޕައިލެޓުން މަސައްކަތައް ނިކުތުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕައިލެޓުން ބުނެއެވެ. އަދި އެމީހުންވަނީ ސަރުކާރުން ވި ވައުދު ލިޔުމުން ދިނުމަށް އެދިފައެވެ.

މުސާރައިގެ އިތުރުން ކުންފުނީގައި ހުރި ގިނަ މައްސަލަތައް ޕައިލެޓުންވަނީ ފަހަގަކޮށްފައެވެ. އެގޮތުން ހިއުމަން ރިސޯސް ޑިޕާޓްމަންޓާއި ކޮމާޝަލް ޑީޕާޓްމާންޓުގެ ދޯދިޔާކަން ފާހަގަކޮށް ޕައިލެޓުންވަނީ ތަފުސީލުކޮށް އެވާހަކަ ރައީސަށް ދަންނަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕައިލެޓުން ފާހަގަކުރެއްވި ކަންކަން ހައްލުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޕައިލެޓުންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި އައިލޭންޑް އޭވިއޭޝަންގެ ބޭފުޅަކު ބައިވެރިއެއް ނުވެއެވެ.

ހިޔާލު


އަސްލަމް11:46 2021/09/12

އޯކޭ.

ގުޅުންހުރި