ރާއްޖެރައްޔިތުންގެ މަޖިލިސް

ބިދޭސީންގެ އަދަދު ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ

13/09/2021

ޒައިން ރަޝީދު


ޝެއަރ

ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަކަން ހާމަވެއްޖެއެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާޢީލް ވިދާޅުވީ މިހާރު އެނގެންހުރި މައުލޫމާތަށް ބަލާއިރު މިހާރު ރާއްޖޭގައި 281،000 ބިދޭސީން އެބަތިބިކަމަށެވެ. އޭގެ ތެރޭގައި 63،754 ބަންގްލަދޭޝް މީހުން ހިމެނޭއިރު މައުލޫމާތު ސާފުނުވާ އިތުރު 70،000 ވުރެ ގިނަ ބަންގްލަދޭޝް މީހުން އެބަތިބި ކަމަށް ސަރުކާރުން ލަފާކުރެއެވެ. މި 70،000 މީހުންގެ ތެރޭގައި ބަންގްލަދޭޝްއަށް އަނބުރާ ފޮނުވާ ފައިވާ މީހުންވެސް ހިމެނެއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ ބަންގްލަދޭޝް އިން އެކަނިވެސް 1 ލައްކައަށްވުރެ ގިނަ މީހުން ރާއްޖޭގައި އެބަތިބި ކަމަށެވެ. އަދި މި އަދަދު 1 ލައްކައަށް ވުރެ އިތުރު ނުވާނެހެން ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ފާއިތުވި 9 އަހަރު ދުވަހުގެ ތެރޭގައި 126،913 ބަންގްލަދޭޝް މީހުންނަށް ވޯކް ޕާމިޓް ދޫކޮށްފައިވާއިރު މި މުއްދަތުގެ ތެރޭގައި 66،300 އިންޑިއާ މީހުންނަށް ވޯކް ޕާމިޓް ދޫކޮށްފައިވެއެވެ. އަދި ފާއިތުވި 9 އަހަރު ދުވަހުގެ ތެރޭގައި ޖުމުލަ 309،500 މީހުންނަށް ވޯކް ޕާމިޓް ދޫކޮށްފައިވެއެވެ.

އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއެރުން ލިބިފައިވާ ކަމަށާއި އެހެން ކަމުން މަޤާމުން އިސްތިއުފާ ދޭންޖެހޭ ހަލާތެއް ނެތް ކަމަށެވެ. އަދި މިހާރު އިންސާނީ ވަގުފާރި ކުރުން ހުއްޓިފައިވާ ކަމަށާއި އެކަން ރާއްޖޭގައި މިހާރު ނުކުރާކަމަށް ވިދާޅުވިއެވެ.

"މިއަދު އެކަމެއް (އިންސާނީ ވަގުފާރި) އެއް ނުހިނގާ. އެކަމެއް ނުހިނގާ ސަބަބަކީ އަޅުގަނޑު މި ދެންނެވިހެން ބަންގްލަދޭޝްއިން ދިވެހި ރާއްޖެއަށް، ސެޕްޓެމްބަރ 2019 ގައި އަޅުގަނޑާ މި މަސައްކަތް ހަވާލުވިފަހުން ވޯކް ޕާމިޓް އިޝޫކުރެވިފައި މިވަނީ 2020 ގައި 89 މީހުންނަށް 2021 ގައި 24 މީހުންނަށް. އެއީ އޭގެ ކުރީގައި 20،000 ހުން މަތީގައި އަހަރެއްގައި ހުރި އަދަދުތައް. އެހެންވީމަ، އެކަން މިހާރު، އިންސާނީ ވަގުފާރީގެ ވިޔަފާރިވެރިކަމެއް މިހާރު ދިވެހި ރާއްޖެއަކު ނެތް." މިނިސްޓަރ ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރެވޭ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ބި ދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކެލެއްގެ ގޮތުގައި ދިފާއީ ބާރުންވަނީ ސިފަކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން 2019 ވަނަ އަހަރު ޗީފް އޮފް ޑިފެންސް ފޯސްއާއި މިނިސްޓަރ އޮފް ޑިފެންސް ވަނީ މި މައްސަލައަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަން ފާހަގަކޮށް، މައްސަލަ ހައްލުކުރުމަށް ގޮވާލައްވާފައެވެ.

ހިޔާލު


ގުޅުންހުރި