ރާއްޖެސަރުކާރު

ޝާހިދު ނަޞާރާ ދީނުގެ ފަޅިއެއްގައި، ގިނަ ބައެއްގެ ނުރުހުން

15/09/2021

ޒައިން ރަޝީދު


ޝެއަރ

އދގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރިޔާސަތާ ރޭ ހަވާލުވެވަޑައިގަތުމަށްފަހު، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ނަޞާރާ ދީނުގެ ފައްޅިއެއްގައި އޮތް އަޅުކަމުގެ ހަރާކާތެއްގައި ބައިވެރިވެވަޑައިގަތުމުން ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވެއްޖެއެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުގެ ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު، ޢަބްދުﷲ ޝާހިދުއާއި އދ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެއިންއާއި ޝާހިދުގެ ޓީމުގައި ހިމެނޭ އިތުރު ބޭފުޅުން އަޅުކަމުގެ ހަރަކާތުގައި ބައިވެރިވިއެވެ. އެ ހަރަކާތަކީ އދގެ އާންމު މަޖިލީހުގެ ބައްދަލުވުން ފެށުމަށްފަހު ދުއާކޮށް އަޅުކަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ ހަރަކާތެކެވެ. އަދި އެކަމުގައި އދގެ އާންމު މަޖިލީހުގެ ރިޔާސަތަށް ހޮވިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެއެވެ.

ނަޞާރާ ދީނުގެ އަޅުކަމުގެ ހަރަކާތުގައި ޝާހިދު ބައިވެރިވެވަޑައިގަންނަވާ ފޮޓޯތައް އާންމުކޮށްފައިވަނީ ހަރަކާތް ކުރިއަށް ގެންދިޔަ ފައްޅިއަށް ނިސްބަތްވާ އެތަނުގެ ރަސްމީ ޓުވިޓަރ އެކައުންޓުންނެވެ. އާންމުކުރި ފޮޓޯތަކުގެ ތެރޭގައި ޝާހިދު ފައްޅީގެ އިސް ފާދިރީއާއެކު ހުންނަވާ ފޮޓޯއެއްވެސް ހިމެނެއެވެ.

މި ފޮޓޯތައް އާންމުވުމާ ގުޅިގެން ގިނަ ދިވެހިން ދަނީ ސޯޝަލް މީޑިއާގައި ޝާހިދުއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ބައެއް މީހުން ބުނެފައިވަނީ އެފަދަ ހަރަކާތެއްގައި ޝާހިދު ބައިވެރިވެވަޑައިގަތުމަކީ ދިވެހިން ގަބޫލުކުރާނެ ކަމެއް ނޫނެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ ބައިނަލްއަޤުވާމީ މައިދާނުގައި، އިސްލާމްދީނުގެ އަޤީދާގައި ހިފަހައްޓައިގެން ތިބެވެސް މުސްލިމުންނަށް ހަރަކާތްތެރިވެވޭނެކަމަށާއި މުސްލިމަކަށްވުމަކީ މާތް الله ކަނޑައަޅުއްވާފައިވާ ހުރިހާ ކަމަކަށް ފުރިހަމައަށް ތަބަޢަވުން ކަމަށެވެ. އަދި އެހެން ބަޔަކު ރުއްސަން ނުޖެހޭކަމަށާއި ޝަހިދުގެ އެހަރަކާތުން ދިވެހިން ލަދުގަންނަވާލައިފިކަމަށެވެ.

ޢަބްދުﷲ ޝާހިދު އދގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރިޔާސަތާ ހަވާލުވެވަޑައިގެން މަގާމުގެ ހުވާކުރެއްވީ ރޭ ގައެވެ.

ހިޔާލު


ގުޅުންހުރި