ރާއްޖެސަރުކާރު

މާލޭ ސިޓީ ކައުންސިލުން ކުނިއެޅީ ވެމްކޯ ސައިޓު ދޮރުމައްޗަށް!

16/09/2021

ޒައިން ރަޝީދު

ވެމްކޯ ދޮރުމައްޗަށް ކުނި އަޅަނީ


ޝެއަރ

މާލޭ ސިޓީ ކައުންސިލުން މާލޭ މަގުތަކުގައި ހުރި ކުނި ނެގުމަށްފަހު ޕިކަޕެއްގައި ގެންގޮސް ވެމްކޯގެ ކުނިއެއްކުރާ މަރުކަޒުގެ ދޮރުމައްޗަށް އަޅާލައިފިއެވެ.

މިއަދު ހެނދުނު ސިޓީ ކައުންސިލުން ވެމްކޯ ސައިޓުގެ ދޮރުމައްޗަށް ކުނި އެޅީ, މާލޭ މަގުތަކުގައި ހުރި ކުނި ނެގުމަށް ވެމްކޯ ދެކޮޅު ހަދާ, ވަރަށް ގިނަ މަގުތަކެއްގައި ކުނި ނެރެފައިހުރެ އެކަމުގެ ޝަކުވާ ކުރަމުންދާ ދަނިކޮށެވެ. ރައްޔިތުންގެ ޝަކުވާތަކާއެކު ސިޓީ ކައުންސިލުން ވަނީ މަގުތަކުގައި ހުރި ކުނި ނަގާފައެވެ. ނަމަވެސް ސިޓީ ކައުންސިލްގެ ޕިކަޕް ވެމްކޯ ސައިޓަށް ވަނުމުގެ ހުއްދަ ނުދިނުމުން ކުނި ދޮރުމައްޗަށް އަޅާލިއެވެ.

ވެމްކޯއިން ވަނީ އިއްޔެ އިން ފެށިގެން ކުނިނެގުމުގެ އުސޫލަށް ބަދަލު ގެނެސްފައެވެ. އެގޮތުން މަގުމަތިން ކުނި ނެގުމުގެ ބަދަލުގައި ކޮންމެ ފްލޯއެއްގެ ދޮރުމަތިން ކުނި ނަގާގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ކުނި ނަގާނީ ރަޖިސްޓްރީކޮށް ފައިސާ ދައްކާފައިވާ ގޭބިސީތަކުން އެކަނިކަމަށް ވެމްކޯއިން ބުނެއެވެ. ނަމަވެސް ރަޖިސްޓްރީ ނުކުރާ ގެތަކުންވެސް ވަނީ ކުރިއެރޭ އެއްގޮތަށް މަގުމައްޗަށް ކުނިނެރެފައެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ ވެމްކޯ ސައިޓު ދޮރުމައްޗަށް ކުނިއެޅުމަކީ "ނާތަހުޒީބު" އަމަލެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި އެއީ މިސްކޮމިއުނިކޭޝަނަކުން ހިނގި ކަމެއް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ސާފުކޮށް ކުނިނެގުމަށް މަހެއްގެ މައްޗަށް 3.1 މިލިއަން ރުފިޔާ ވެމްކޯއަށް ދައްކަމުން ދާކަމަށެވެ. އެހެންކަމުން މާލެ މަގުމައްޗަށް ރައްޔިތުން ނެރޭ ކުނިވެސް ވެމްކޯއިން ނަގަންޖެހޭނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދޭކަމަށެވެ. އެ ކަމަށް ސިޓީ ކައުންސިލް އިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލު


ގުޅުންހުރި