ރާއްޖެއިދިކޮޅު

އަދިވެސް އަޅުގަނޑު ބެހުނީ ކާކާކަމެއް ނޭނގޭ: އަލީ ވަހީދު

21/09/2021

ޒައިން ރަޝީދު

އަލީ ވަހީދު


ޝެއަރ

ޖިންސީ ގޯނާކުރި ނުވަތަ ޖިންސީ ގުނަވަން ދެއްކީ ކާކަށްކަން އަދިވެސް އޭނާއަށް ނޭނގޭ ކަމަށް، ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކޮށް ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް އަލީ ވަހީދު ވިދާޅުވީ, ޝަރުއީ މަރުހަލާގައި އަޑުއެހުންތަކާ ހިސާބަށް އާދެވުނުއިރުވެސް އަދިވެސް އޭނާ ބެހުނީ ކާކާކަމެއް ނޭނގޭ ކަމަށާއި ބެހުނު ބަޔަކު ތިބެންޖެހޭ ކަމަށެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ ސިޔާސީ ގޮތުން އޭނާ ފްރޭމްކޮށް ކަނބަޅިއެއްހެން ކަތިލަން ރާވާ ކުރިއަށް ގެންދިޔަ ކަމެއްކަމަށެވެ.

"ޝަރީއަތުގައި މިހާރު ޕްރީ ޓްރައިލް މޯޝަނާ ހަމަޔަށް ދިޔައިރު، އަދިވެސް އަލީ ވަހީދަކަށް ނޭނގޭ އަލީ ވަހީދު ކާކާމެއް ކަން ބެހުނީކީ. ފިރިހެނަކާކަމެއް އަންހެނަކާކަމެއް ބުޅަލަކާކަމެއް ކަމެއް ނުވަތަ މީދަލަކާކަމެއް ވެސް ނޭނގޭ" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވަނީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަައްމަދު ސާލިހާއި ސަރުކާރުގެ އިސްވެރިންނަށް ބޮޑެތި ތުހުމަތުކޮށް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ސަރުކާރުން އެކި މީހުން މެދުވެރިކޮށް ޓޫރިޒަމް މިނިސްޓްރީ ތެރެއިން ކަންކަން ކުރުމަށް މަސައްކަތް ކުރިކަމަށާއި އެކަމަށް ފުރުސަތު ނުދިނުމަކީ އޭނާއާ ދެކޮޅަށް ނިކުތުމުގެ ސަބައެއް ކަމަށެވެ.

އަލީ ވަހީދު މިހެން ވިދާޅުވިއިރު، އޭނާ މަޤާމުން ވަކިކޮށް ދައުލަތުން ދައުވާކުރީ އޭނާއާ ދެކޮޅަށް މިނިސްޓްރީންގެ ގިނަ އަންހެން މުވައްޒަފުންތަކެއް ރައީސް އޮފީހަށްގޮސް، ޖިންސީ އަނިޔާގެ ވާހަކަތައް ރައީސަށް ދެންނެވުމުންކަމަށް އޭރު ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި މުވައްޒަފުންގެ ވާހަކަތައް އަޑުއައްސަވާފަ ރައީސް ކީރިތި ކުރެއްވިކަމަށް ބުނެފައިވެއެވެ.

އަލީ ވަހީދު ރޭ ވިދާޅުވީ ރައީސް އޮފީހަށް ދިޔައީ ސިޔާސީ ގޮތުން އައްޔަނު ކޮށްފައިތިބި ފިރިހެނުންތަކެއް ކަމަށާއި އެމީހުން އެކަމުގައި 2 އަންހެނުން ބޭނުންކުރި ކަމަށް އެނގިފައިވާ ކަމަށެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ، އުތުރު ތިލަފަޅަކީ ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށް އެދި ޓޫރިޒަމް މިނިސްޓްރީން ރައީސް އޮފީހަށް ސިޓީއަށް ފޮނުވައި ދިނުމަށް އެދިވެސް ސިޔާސީ މީހުންނާއި ސިފައިންގެ ބައެއް އިސް އޮފިސަރުން އެދެމުން ދިޔަކަމަށެވެ. އަދި އެކަމަށްވެސް އޭނާ ދެކޮޅު ހެއްދެވިކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އުތުރުތިލަފަޅަކީ މިހާރު އިންޑިއާ ސަރުކާރުގެ އެހީގައި ސިފައިންގެ މަރު ކަޒެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ތަނެކެވެ. އަދި އުތުރުތިލަފަޅާ ގުޅޭގޮތުން އިންޑިއާާއާ އެކު ވި އެއްބަސްވުމާ މެދު އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެ އެއްބަސްވުމުގައި ގައުމީ ސަލާމަތާއި ރާއްޖޭގެ އިސްތިގުލާލަށް ގެއްލުންވެދާނެ ކަންކަން ހިމެނޭ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އަލީ ވަހީދުގެ ޝަރީއަތަށް ހާޒިރުކުރުމަށް އިންޓަރޕޯލް މެދުވެރިކޮށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.

މީގެ އިތުރުން ސްޕްރީމް ކޯޓަށް ހާޒިރުވުމަށް އެންގުމުން ހާޒިރުވެފައި ނުވާތީ އެ ކޯޓުގެ ހުރުމަތްކެޑިކަމަށް ބަލާ އޭނާ ޖަލަަށް ލުމަށް ސްޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ހިޔާލު


ގުޅުންހުރި