ރާއްޖެސަރުކާރު
ރައީސުލްޖުމްހޫރިއްޔާ އދގެ އާންމު މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި
20/09/2021
ޒައިން ރަޝީދު
ޝެއަރ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި އދގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާ ބައްދަލުރައްވައިފިއެވެ.
ނިއުޔޯކް ސިޓީގައި ހުންނަ އދ ގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހުރިއްޔާ ވަނީ ޢަބްދުﷲ ޝާހިދު އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ އުންމީދީ ރިޔާސަތުގައިވާ "ފައިވް ރޭސް އޮފް ހޯޕް" ގެ ކަންކަން ހާސިލުކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. މިގޮތުން، އދގެ އާންމު މަޖިލީހުގެ ރައީސް ވަނީ، 2022 ވަނަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް މުޅި ދުނިޔޭގެ އާބާދީއަށް ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހައި ނިންމުމަށް އަމާޒުހިފާފައިވާކަމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އިސްކަންދެއްވާނެކަމުގައި ވިދާޅުވެފައެވެ.
އަދި، އދގެ ޢާންމު މަޖިލީހުގެ ރައީސް ވަނީ އެމަނިކުފާނު އެ މަޤާމަށް ކުރިމަތިލުމާ ހަމައިން ފެށިގެންވެސް އެމަނިކުފާނަށް ކުރެއްވި އިތުބާރާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި، ދިވެހި ދަރިޔަކަށްވެ އދގެ އާންމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވުމަށް ފުރުޞަތު ލިބުމަކީ އެމަނިކުފާނަށް ލިބުނު ޝަރަފެއްކަމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވަނީ ބޭރު ޤައުމުތަކާއެކު މިހާރު އޮންނަ ގުޅުންތައް ދެމެހެއްޓުމާއެކު އާ ގުޅުންތައް ޤާއިމު ކުރުމަށްކަމުގައި ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ޢަބްދުﷲ ޝާހިދު ވިދާޅުވިގޮތުގައި އދ ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމު އެމަނިކުފާނަށް ކާމިޔާބުކުރެއްވުމުން ރަމްޒުކޮށްދެނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަލައިގަނެފައިވާކަމެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުﷲ ޝާހިދު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި، ޢަބްދުﷲ ޝާހިދު ވަނީ މި ކާމިޔާބީގެ ފަހަތުގައި ރާއްޖޭގެ ޚާރިޖިއްޔާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ޤާބިލްކަމާއި ފަންނުވެރިކަން މުހިންމު ދައުރެއް އަދާކުރާކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމުގައި ބޭނުންވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެ މަގު ތަނަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ހިޔާލު
ގުޅުންހުރި