ރާއްޖެސަރުކާރު

ތިން ވަޒީރުންވެސް އެމްޑީޕީ ގައުމީ މަޖިލިހުގެ އިންތިހާބު ކާމިޔާބުކޮށްފި

25/09/2021

ޒައިން ރަޝީދު


ޝެއަރ

މިއަދު ބޭއްވި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ވާދަކުރެއްވި ތިން ވަޒީރުންވެސް އިންތިހާބު ކާމިޔާބުކޮށް ގައުމީ މަޖިލީހަށް ހޮވިވަޑައިގެންފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހާ އެންމެ އަރިސް ތިން ވަޒީރުންނެވެ. އެއީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލްއާއި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުއާއި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްއެވެ. ފައްޔާޒު ވާދަކުރެއްވީ ލ. ގަމު ދާއިރާގެ ރައީސް ކަމަށެވެ. އަމީރު ވާދަކުރެއްވީ މެދު ދެކުނު ޕްރޮވިންސްގެ ރައީސްކަމަށެވެ. އަދި މަހުލޫފު ވާދަކުރެއްވީ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.

މިހާތަނަށް އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން މި ތިން ބޭފުޅުންވެސް ވަނީ އިންތިހާބު ކާމިޔާބުކޮށްފައެވެ.

ވަޒީރު ބޭފުޅުންގެ ތެރެއިން އިންތިހާބުގައި ޔޫތް މިނިސްޓަރ މަހުލޫފަށް ވާދަނުކުރެވޭނެކަމަށް އެމްޑީޕީއިން ނިންމާ އެ މައްސަލަ ބޮޑުވެފައިވަނިކޮށް, އަލަށް އިންތިހާބު ކުރި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުންވަނީ މަހުލޫފަށް ވާދަކުރެވޭނެ ކަމަށް ނިންމާ ވާދަކުރުމުގެ ފުރުސަތު ދީފައެވެ.

ވަޒީރު ބޭފުޅުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ވެރިންގެ ތެރެއިން 4 ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރުންވަނީ 4 ދާއިރާއަށް ކުރިމަތިލާ އިންތިހާބު ކާމިޔާބު ކޮށްފައެވެ. މީގެ ތެރޭގައި ހިމެެނެނީ މަތި ދެކުނު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރެއްވި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރުއާއި ގައްދު ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދުއާއި ބިލެތްދޫ ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީއާއި މަޑުއްވަރީ ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ)އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މި ބޭފުޅުންވެސް ވަނީ މި ދާއިރާތައް ކާމިޔާބު ކުރައްވާފައެވެ. އިއުލާން ކުރަމުންދާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މިހާތަނަށް ބޮޑެތި ހުރިހާ ސަރަހައްދެއް ކާމިޔާބު ކޮށްފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އަރިސް އެމަނިކުފާނު ތާޢީދުކުރެއްވި ކެންޑިޑޭޓުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކަމާއެކު ބާއްވާ ނަތީޖާ އިއުލާން ކުރަމުންދާއިރު, ޕާޓީވަނީ ދެ ފެކްޝަނަކަށް ބެހި ފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ވަދާވެރިކަން ބޮޑުވެ ދެ ބޭފުޅުންވެސް ގެންދަވަނީ ޕާޓީގެ ކޮންޓްރޯލް ނެގުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި މި އިންތިހާބުގައި ދެބޭފުޅުންގެ ފަރާތުންވެސް ކެންޑިޑޭޓުން ވާދަކުރިއެވެ.

އިންތިހާބުގެ ނަތީޖާތައް ދައްކާގޮތުން ގައުމީ މަޖިލީހުގެ ކޮންޓްރޯލް ލިބޭނެކަމަށް ބެލެވެނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށެވެ.

ހިޔާލު


Ali18:19 2021/09/25

sarukaaru hurihaa faisaa eh campaign ah thalhaali

ގުޅުންހުރި