ރާއްޖެސަރުކާރު

ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަނީ

28/09/2021

ޒައިން ރަޝީދު


ޝެއަރ

އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިމަހުގެ 30 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެއެވެ.

އދގެ އާންމު މަޖިލީހުގެ76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެ ވަޑައިގަންނަވަން ނިންމެވިއިރު، މިދިޔަ ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި ޢަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާ، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު އެރުއްވިއެވެ.

ޝާހިދުގެ ދަތުރުފުޅާ ގުޅޭގޮތުން ރަސްމީކޮށް ފޮރިން މިނިސްޓްރީން އަދި މައުލޫމާތު ހާމަކޮށްފައި ނުވިޔަސް، ފޮރިން މިނިސްޓްރީގެ ބޭފުޅަކު ވިދާޅުވީ ޝާހިދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގައެވެ. އަދި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އަރިހަށް ވަޑައިގެން އެބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތީ މިދިޔަ އޯގަސްޓު މަހުގައެވެ. އަދި އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ މުހިއްމު ހުރިހާ ބައްދަލުވުމެއްވަނީ ބާއްވާ ނިމިފައެވެ. 76 ވަނަ ސެޝަންގެ ރިޔާސަތު ޝާހިދު ބަލަހައްޓަވާނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ބައްދަލުވުންތަކުގެ ރިޔާސަތު ޝާހިދު ބަލެހެއްޓެވި ނަމަވެސް، ޝާހިދަކީ އަދިވެސް ރާއްޖޭގެ ފޮރިން މިނިސްޓަރެވެ. އެހެން ކަމުން މިއީ ރާއްޖޭގެ ފޮރިން މިނިސްޓަރު އެހެން ހައިސިއްޔަތަކުން ރާއްޖެއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ހިޔާލު


ގުޅުންހުރި