ރާއްޖެރައްޔިތުންގެ މަޖިލިސް

އާންމު ކޮމިޓީގެ ނިންމުމަށް މަޖިލީހުގެ ރިޔާސަތުގެ ތާއީދެއް ނެތް!

30/09/2021

ޒައިން ރަޝީދު

އާންމު ކޮމިޓީގެ މުގައްރިރު ޙަސަން ލަތީފު ކޮމިޓީ ބައްދަލުވުމެއްގައި


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެބޭފުޅުންގެ އާއިލާ ބޭފުޅުންގެ އިތުރުން، އިތުރު 2 މީހަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލައުންޖު ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމެވި ނިންމެވުމަށް މަޖިލީހުގެ ރިޔާސަތުގެ ތާއީދެއް ނެތްކަމަށް މަޖިލީހުން ބުނެފިއެވެ.

މި މަހުގެ 22 ވަނަ ދުވަހު ބޭއްވި އާންމު ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ނިންމެވީ މިހާރު އެއަރޕޯޓު ވީއައިޕީގެ ހިދުމަތް ލިބޭ މީހުންގެ ތެރޭގައި މެންބަރުން ބޭނުންފުޅުވާ އިތުރު ދެ މީހަކު ހިމެނުމަށެވެ. އަދި މިނިންމެވުން ކޮމިޓީން ފަސްކުރެއްވީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މިހާރު ހިދުމަތް ދެނީ މެންބަރުންނާއި މެންބަރުންގެ އާއިލާ ބޭފުޅުންނަށެވެ. އާއިލާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއި ދަރިން އަދި މައިންބަފައިންނެވެ.

އާންމު ކޮމިޓީގެ ސިއްރު ބައްދަލުވުމުގައި ވޯޓު ދެއްވުމަށްފަހު، ބައްދަލުވުމުގެ މައުލޫމާތު ކޮމިޓީގެ ބައެއް މެންބަރުން ވަނީ މީޑިއާ ހިއްސާކޮށްފައެވެ. މަޖިލީހުގެ އިދާރާއިން މިއަދު ވިދާޅުވީ އާންމު ކޮމިޓީގެ މި ނިންމުމަށް މަޖިލީހުގެ ރިޔާސަތުން އަދި ގޮތެއް ނުނިންމަވާ ކަމަށާއި އަދި ނިންމެވުމަށް ރިޔާސަތުން ތާއީދެއްވެސް ނުކުރައްވާ ކަމަށެވެ.

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރ ޙަސަން ޒިޔާއު ވިދާޅުވީ އާންމު ކޮމިޓީން އެގޮތަށް ނިންމެވި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި އެއީ މަޖިލީހުގެ ބަޖެޓުން ކުރެވިދާނެ ޚަރަދެއް ނޫނެވެ. އަދި އެނިންމެވުމަށް މަޖިލީހުގެ ރިޔާސަތުން ތާއީދު ނުކުރައްވާ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

ނައިބު ރައީސް އީވާ އަބްދުﷲ - އާންމު ކޮމިޓީގެ ނިންމެވުމަށް ތާއީދެއް ނުކުރައްވާ


"އެއީ ކޮމިޓީން ނިންމެވި ނިންމެވުމެއް. އަދި މަޖިލީހުގެ ރިޔާސަތަކުން އެއަށް ގޮތެއް ނުނިންމަވާ. މަޖިލީހުގެ ނައިބު ރައީސް ދެކެވަޑައިގަންވަނީ އެއީ މަޖިލީހުގެ ބަޖެޓަށް ވަރަށް ބޮޑު ބުރައަކަށް ވާނެ، އަދި މަޖިލީހުގެ ބަޖެޓުން ކުރެވިދާނެ ޚަރަދެއް ނޫންކަމަށް. އެއީ ފީސިބްލް ކަމެއް ނޫންކަމަށް" ޒިޔާއު ވިދާޅުވިއެވެ.

ޒިޔާއު އިތުރަށް ވިދާޅުވީ އެ ނިންމެވުމާ ގުޅޭގޮތުން އާންމު ކޮމިޓީއާ ނައިބު ރައީސް ބައްދަލުކުރައްވާ އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އެއަޕޯޓު ވީއައިޕީން ހިދުމަތް ލިބޭ މީހުންގެ އަދަދު ލިމިޓުކުރީ 19 ވަނަ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަށެވެ. އޭގެ ކުރިން އޮންނަނީ މެންބަރުން ބޭނުންފުޅުވާ އަދަދަކަށް ބޭނުންފުޅުވާ ކޮންމެ މީހަކަށް އެ ހިދުމަތް ހިލޭ ލިބޭ ގޮތަށެވެ.

ހިޔާލު


ގުޅުންހުރި