ކުޅިވަރުރާއްޖޭގެ ކުޅިވަރު

ނޭޕާލުން ރާއްޖޭގެ މައްޗަށް ފުރަތަމަ ފަހަރަށް ކުރި ހޯދައިފި

01/10/2021

ޒައިން ރަޝީދު

ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް


ޝެއަރ

ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ރާއްޖެއާއި ނޭޕާލް ކުޅުނު މެޗު ނޭޕާލް ކާމިޔާބު ކުރީ 1 - 0 އިންނެވެ. މިއީ ސާފް ޗެންޕިއަންޝިޕްގައި ނޭޕާލް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.

ނޭޕާލުން ލަނޑުޖެހީ 86 ވަނަ މިނެޓުގައި އެޓީމުގެ މަނީޝް ދަންގީ އެވެ. އޭނާ ލަނޑުޖެހީ ނޭޕާލުގެ ހާފުތެރެއިން ބޯޅައަތުލައި ރާއްޖޭގެ ހާފަށްވަދެ, ރާއްޖޭގެ ކުޅުންތެރިންގެ ގައިން ނެއްޓިގޮސް ސީދާ ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމުން ނުރައްކާތެރި ހަމަލާތަކެއް ނޭޕާލްގެ ގޯލަށް ފޮނުވާލި ނަމަވެސް އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އަދި ރާއްޖޭގެ ޓީމުން ފުރަތަމަ ހާފުގައި މުޅިވެސް ކުޅުނީ ދިިފާއަށެވެ.

މި މެޗުން ރާއްޖެ ބަލިވިޔަސް އަދިވެސް ރާއްޖެއަށް އިތުރު ފުރުސަތު އެބައޮތެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތް ކުޅެނީ ލީގު އުސޫލުން ކަމަށްވާތީ ފައިނަލުގައި ކުޅޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެެވެ.

މިރޭގެ މެޗުން ރާއްޖެ ބަލިވުމާ ގުޅިގެން ޔެސް ޓީވީގައި ވާހަކަ ދައްކަމުން ގައުމީ ކޯޗު އަލީ ސުޒޭންގެ ކޮއްކޮ ނަޒީރު ވަނީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނީ ކުޅުންތެރިންގެ ސިކުނޑި ހުންނަނީ ރީއްޗަކަށް ނޫންކަމަށާއި ބޭނުންކުރަން ކަމަށެވެ. އޭނާ ބުނި ގޮތުން ނޭޕާލަށް ގޯލު ކާމިިޔާބު ކުރެވުނީ ބޯޅަ ޑިފެންޑުކުރަން ތިބި 3 ކުޅުންތެރިންގެ ކުށުންނެވެ. އަދި ބައެއް ކުޅުންތެރިން އަމިއްލަ އަމިއްލަޔަށް ކުޅެން މަސައްކަތް ކުރި ކަމަށް އޭނާ ތުހުމަތު ކުރިއެވެ.

"އެކަކު ކައިރިކުރީމަ ދެންހުރި މީހާ އެބަ ޑީޕްވެލަންޖެހޭ ހަމަ. އޭނާ ދާހިސާބުން ފެށިގެން 3 މީހުން އެކީގަ ދިޔަ މަންޒަރު ފެނުނީ. ދެން އަނެއްކާ ސިކުނޑި މީ ހަމަ ރީއްޗަކަށް ބައިންދަން އިންނަ އެއްޗެއް ނޫން. ބޭނުންވެސް ކުރަންޖެހޭ އެބަ ރަނގަޅު ގޮތުގައި. އެއީ މިސާލަކަށް މިހާރު އެ އަރިމަތިން އައި ޑިފެންޑަރު, އޭނާގެ ފަރާތުންވެސް އަޅުގަނޑުމެންނަށް މިހާރު އެތައް ޒަމާނެއް, މިހާރު ތިން ހަތަރު އަހަރެއް ވަނީ މިހާރު ފަސްޓް ޑިވިޝަން ތެރޭގައި އުޅޭތާ. އެހެންވެއްޖިއްޔާ އެވަރުގެ ސިކުނޑިއެއް އިންނާނެ ޕްލޭޔަރުގެ" ޔެސް ޓީވީގެ ޕްރީ ޝޯގައި ނަޒީރު ބުންޏެވެ.

މިފަހަރުގެ ގައުމީ ޓީމު އެކުލަވާލުމުގައި މެދުކެނޑުމެއްނެތި ކުޅޭ ކުޅުންތެރިންނަށް ފުރުސަތު ނުދީ ރިޓަޔާކޮށް ކުޅުމާ ދުރުގައި ތިބި ބައެއް ކުޅުންތެރިންނަށް ފުރަތަމަ 11 އިން ފުރުސަތު ދިނުމުން ކުޅުންތެރިންގެ މެދުގައި ހިތްހަމަނުޖެހުންވަނީ އުފެދިފައެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ މިއަދު ހަވީރު ބަންގްލަދޭޝްއާ ސްރީލަންކާ ބައްދަލުކުރި މެޗު ކާމިޔާބު ކުރީ 1 - 0 އިން ބަންގްލަދޭޝް އެވެ.

ހިޔާލު


ގުޅުންހުރި