ކުޅިވަރުރާއްޖޭގެ ކުޅިވަރު

ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

13/10/2021

ޒައިން ރަޝީދު


ޝެއަރ

ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗު އިންޑިއާ ކަމިޔާބުކޮށް މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.

މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އިންޑިއާއިން ގޯލެއް ޖަހާ ކުރި ހޯދިއެވެ. އިންޑިއާއަށް ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ މަންވީރު ސިންގް އެވެ.

ފުރަތަމަ ހާފުގައި ބޮޑަށް ބޯޅަ ކޮންޓްރޯލްކޮށް ގޭމް ޑޮމިނޭޓް ކުރަމުން ދިޔައީ އިންޑިއާއިންނެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ޖެހުނީ މުޅިންވެސް ޑެފެންސަށް ކުޅުމަށެވެ. ނަމަވެސް މެޗުގެ 42 ވަނަ މިނެޓުގައި އިންޑިއާގެ ކުޅުންތެރިން ވަނީ ރާއްޖޭގެ ކުޅުންތެރިޔާ ހަމްޒާ ޕެނަލްޓީ އޭރިޔާ ތެރެއިން ވައްޓާ ފައުލް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ޕެނަލްޓީއެއް ލިބުނެވެ.

އަޝްފާގު ފޮނުވާލި ރާއްޖޭގެ ޕެނަލްޓީ ކާމިޔާބު ކޮށްގެން ފުރަތަމަ ހާފް ނިމުނުއިރު ދެ ޓީމުވެސް އޮތީ 1-1 އިން އެއްވަރުގައެވެ. ނަމަވެސް ދެވަނަ ހާފުގައި އިންޑިއާގެ ކުޅުންތެރިންގެ ނުރައްކާތެރި ހަމަލާތައް ރާއްޖޭގެ ގޯލަށް އަމާޒުވިއެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި އޭރިއާތެރެއިން މަންވީރު މެއިން ކޮންޓްރޯލްކޮށްލި ބޯޅަ ހޯދައު ޗެތުރީ ވަނީ ގޯލުގެ ތެރެއަށް ފޮނުވައިގެން އިންޑިއާއިން އެމީހުންގެ ދެވަނަ ގޯލު ކާމިޔާބު ކުރިއެވެ. އަދި ވަރަށް ފަސޭހަ ކަމާއެކު މެޗުގެ 71 ވަނަ މިނެޓުގައި ޗެތުރީ ވަނީ 2 ވަނަ ގޯލެއް ކަމިޔާބުކޮށް މެޗުގެ ނަތީޖާ 3 - 1 އަށް ބަދަލުކޮށްފައެވެ.

މި މެޗުން ރާއްޖެ ބަލިވުމުން މި މުބާރާތުން ރާއްޖެއަށް ލިބުނީ 3 ވަނަ އެވެ. ހޮނިހިރު ދުވަހު ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ އިންޑިއާއާއި ނޭޕާލްއެވެ. މިއީ 28 އަހަރުގެ ތާރީހުގައިވެސް ފައިނަލްގައި ނޭޕާލް ކުޅޭ ފުރަތަމަ ފަހަރެވެ

ހިޔާލު


ގުޅުންހުރި