ރާއްޖެސަރުކާރު

ޖީއެމްއާރު އަތުން އެއަރޕޯޓު ނެގުމަކީ އިގްތިސާދީ ބޮޑު ޖަރީމާއެއް: އަމީރު

17/10/2021

ޒައިން ރަޝީދު

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު - ފޮޓޯ: ފިނޭންސް މިނިސްޓްރީ


ޝެއަރ

އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ނެގުމަކީ ރާއްޖޭގައި މިހާތަނަށް އިގްތިސާދީ ގޮތުން ހިންގި އެންމެ ބޮޑު ޖަރީމާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު ޓުވީޓު ކުރެއްވި ކުރު ބަޔާނެއްގައި ވިދާޅުވީ އެއަޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަނުން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށެވެ. އޭގެ ސަބަބުން އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާ ކުރުމަށް ސަރުކާރަށް ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރުމަށެވެ. އަދި އެކަމަށް 1 ބިލިއަން ޑޮލަރުގެ ލޯނެއް ނަގާ ދައުލަތް ދަރަނިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަމީރު އިތުރަށް ވިދާޅުވީ ލޯނުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބެޖެޓުން ޖާގައެއް ނުދެވޭ ކަމަށެވެ.

ޖީއެމްއާރާއެކު ކުރިއަށް ދިޔަނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއަރޕޯޓުގެ މަސައްކަތް 2014 ގައި ނިމި ކޮވިޑް އައުމާ ހަމަޔަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި އެއަރޕޯޓު އަތުލުމުން ޓޫރިޒަމް އާމްދަނީއިން ރާއްޖެއަށް 13.2 ބިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އެތައްބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތައް. މިއީ އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީ. އެއަރޕޯޓު 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިމުނު ނަމަ އަޅުގަނޑަކަށް އަންދާޒާ ކުރެވޭ ގޮތުގައި 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލީހީ 5 ބިލިއަން ޑޮލަރުގެ އިގްތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގްތިސާދަކާއެކު" އަމީރު ބަޔާނުގައި ބުނެފައިވެއެވެ.

ޖީއެމްއާރާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރ ކުއްލި ގޮތަކަށް މިހެން ވިދާޅުވެފައި މިވަނީ ޖީއެމްއާރަށް އެއަރޕޯޓު އަވަސް އަރުވާލައިގެން ދިނީ 75 މިލިއަން ޑޮލަރު ހޯދަން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބޭނުންފުޅުވާތީކަމަށް އެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ މަރިޔަމް ޒުލްފާ ވިދާޅުވެފައި ވަނިކޮށެވެ.

ޖީއެމްއާރު އަތުން އެއަޕޯޓު އަތުލީ އެއަރޕޯޓު ޖީއެމްއާރަށް ދިނީ ނުއަގުގައި ކަމަށާއި އަދި އެއަރޕޯޓުގެ ކަންކަން ސަރުކާރަށް ކޮންޓްރޯލް ނުކުރެވޭ ކަމަށް ބުނެއެވެ. އަދި ޖީއެމްއާރުން އެއަރޕޯޓު ތަރައްގީ ކުރަމުންދިޔަ ގޮތާވެސް އޭރުގެ ސަރުކާރުން ހިތްހަމައެއް ނުޖެހެއެވެ. ޖީއެމްއާރ އެގްރީމަންޓް އުވާލީ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައެވެ. އަދި އާބިޓްރޭޝަނަށް ދައްކަންޖެހޭ ފައިސާ އެމަނިކުފާނުގެ ސަރުކާރުންވަނީ އެއްފަހަރާ ދައްކާ ހަލާސްކޮށްފައެވެ.

ޖީއެމްއާރު އަތުން އެއަރޕޯޓު ނެގުމަށްފަހު 3 އަހަރުތެރޭގައި ކުރީގެ ސަރުކާރުން ވަނީ އެއަރޕޯޓު ވަރަށް ބޮޑަށް ތަރައްގީ ކޮށްފައެވެ. އެގޮތުން އޭ 380 މަރުކައިގެ ބޯޓު ޖެއްސޭވަރުގެ އައު ރަންވޭއެއް އަޅާ، އާ ވީއައިޕީ ޓާމިނަލަކާއި ސީ ސްޕްލޭން ޓާމިނަލެއްގެ އިތުރުން އެއަރޕޯޓުގެ ފިއުލް ސްޓޯރޭޖު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

ހިޔާލު


ގުޅުންހުރި