ވިޔަފާރި

ބީއެމްއެލްގެ އިތުރު ކާޑެއް, ރައްޔިތުން އެރީ ރަތަށް!

26/10/2021

ޒައިން ރަޝީދު

ބޭންކް އޮފް މޯލްޑިވްސް


ޝެއަރ

މިހާރު ދޫކޮށްފައިވާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ އަދަދު ލިމިޓްކޮށްފައިވަނިކޮށް, އަނެއްކާވެސް އިތުރު ކްރެޑިޓް ކާޑެއް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފިއެވެ.

މިއަދު ތައާރަފްކުރި ކާޑަކީ ޑޮލަރު އެކައުންޓުތަކަށް ހާއްސަ ކްރެޑިޓް ކާޑެކެވެ. ކާޑުން ޑޮލަރުގެ މުއާމަލާތް ކުރެވޭއިރު ކާޑަށް ފައިސާ ދައްކަން ޖެހެނީވެސް ޑޮލަރުންނެވެ. އަދި ޑޮލަރު އެކައުންޓެއް ނެތި ކާޑު ނުލިބޭނެއެވެ.

މި ކާޑުގެ ސަބަބުން މިހާރު ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުވާނެކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނި ނަމަވެސް މިހާރު ދޫކޮށްފައިވާ, ޑޮލަރު އެކައުންޓުތަކާ ލިންކުކޮށްފައިވާ ވިސާ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުން ޑޮލަރު އެކައުންޓުން ބޭނުން ވަރަކަށް މުއާމަލާތް ކުރެވެއެވެ. ނަމަވެސް ޑޮލަރުގެ މުއާމަލާތްތައް ލިމިޓް ކޮށްފައިވަނީ ރުފިޔާ އެކައުންޓާ ލިންކު ކޮށްފައިވާ ކާޑުތަކަށެވެ.

މިހާރު ދޫކޮށްފައިވާ ވިސާ ޑެބިޓް ކާޑުގެ ރުފިޔާ އެކައުންޓުން ބޭނުންކުރެވެނީ 250 ޑޮލަރެވެ. އަދި ކްރެޑިޓް ކާޑުން މުއާމަލާތް ކުރެވެނީ 500 ޑޮލަރެވެ. އެހެންކަމުން ރުފިޔާ އެކައުންޓުން ވިސާ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު ބޭނުންކުރާ ފާރަތްތަަކަށް މިއަދު ތައާރަފް ކުރި އައު ކާޑުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.

މިހާރު ދޫކޮށްފައިވާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ ލިމިޓަށް ބަދަލު ނުގެނެސް, އިތުރު ކާޑެއް ތައާރަފް ކުރުމުން ސޯޝަލް މީޑިއާގައި އާންމުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި މިއީ ބޭންކު އޮފް މޯލްޑިވްސް އިން ރައްޔިތުން އޮޅުވާލުމަށް ކުރި ކަމެއް ކަމަށާއި މިކަމުގެ ސަބަބުން އާދައިގެ ރައްޔިތު މީހާއަށް އެއްވެސް ފައިދާއެއް ނުކުރާނެކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

"މީގެ ސަބަބުން އާދައިގެ ރައްޔިތު މީހާއަށް ވާނެ ފައިދާއެއް ނެތް. އަދިވެސް ހަމަޖެހޭނީ ބްލެކް މާކެޓުން ޑޮލަރު ގަނެގެން މިހާރު ލިންކު ކޮށްފަހުރި އެކައުންޓުތަކުން މުއާމަލާތް ކުރަން. އާދައިގެ މީހާއަށް ކަމެއް ކޮށްދޭން ބޭނުންވާނަމަ މިހާރު ލާފައިވާ ލިމިޓްތައް އުވާލާ" ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި މީހަކު ބުންޏެވެ.

މީގެ އިތުރުން ބައެއް މީހުންވަނީ މިހާރު ބޭނުންކުރާ ރުފިޔާ އެކައުންޓާއި ލިންކު ކޮށްފައިވާ ވިސާ ޑެބިޓް ކާޑައި ވިސާ ކްރެޓިކް ކާޑުތައް މިއަދު ތައާރަފްކުރި ކާޑަށް ބަދަލުކޮށްފިނަމަ އަނބުރާ ރުފިޔާ އެކައުންޓުގެ ކާޑަކަށް ބަދަލުނުކުރެވޭނެކަން ފާހަގަކޮށްފައެވެ. އަދި ބޭންކުން އެކަކަށް ދެ ކްރެޑިޓް ކާޑު ދޫނުކުރާކަން ފާހަގަކޮށް އެކަމަށް އާންމުން ސަމާލުވުމަށް އެދިފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ދޫކޮށްފައިވާ ވިސާ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުން ޑޮލަރުގެ މުއާމަލާތް ކުރެވޭ އަދަދު ލިމިޓްކޮށްފައިވާއިރު, ކާޑުގެ ފީ ކުޑަކުރުމަށް ބޭންކުން ވިސްނާފައެއް ނުވެއެވެ. އަދި މީގެ ކުރިންވެސް އާންމުންވަނީ ކާޑުގެ ބޭނުން ނުކުރެވޭއިރު ކާޑަށް ދައްކަންޖެހޭ އަހަރީ ފީ ކުޑަކުރުމަށް ގޮވާލާފައެވެ.

ހިޔާލު


ހުސެއިނު07:04 2021/10/27

ޑޮލަރު ލިބެންހުންނަނަމަ އެއްވެސްކާޑެއް ބޭނުމެއްނޫނެވެ. ދިމާވެގެން މިއުޅޭ މައްސަލައަކީ ބޭނުންވާވަރަށް ބޭންކުތަކުން ޑޮލަރުލިބެން ނެތުމެވެ. އެކަމަކު ސަރުކާރުގެ ވިސްނުން މިހުރީ ރައްޔަތުންއިތުރަށް މަޅިއެއްގައި ޖެއްސުމަށްފަހު ބޭންކަށް ފައިދާ ހޯދުމެވެ.

01:08 2021/10/27

ތީ މަކަރާ އޮޅުވާލުމެއް

ގުޅުންހުރި