ވިޔަފާރި

މޯލްޑިވިއަން އިން ދިއްލީއަށް ދަތުރުތައް ފަށައިފި

04/11/2021

ޒައިން ރަޝީދު

މޯލްޑިވިއަން އިން ދިއްލީ ދަތުރުކުރި ބޯޓު - ފޮޓޯ: މޯލްޑިވިއަން


ޝެއަރ

މޯލްޑިވިއަން އިން އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ދަތުރުތައް ފަށައިފިއެވެ.

ކޮވިޑަށް ފަހު އަލަށް މޯލްޑިވިއަން އިން އިތުރު މަންޒިލަކަށް އުދުހެން ފެށިއިރު, ދިއްލީއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 3 ދުވަހުއެވެ. އެގޮތުން މާލެއިން ދިއްލީއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ އަންގާރާ, ބުރާސްފަތި އަދި ހޮނިހިރު ދުވަހުގައެވެ. އަދި ދިއްލީ އިން މާލެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ބުދަ, ހުކުރު އަދި އާދިއްތަ ދުވަހުގައެވެ.

މާލެ ދިއްލީ ދެކޮޅު ޓިކެޓެއްގެ އަގަކީ 280 ޑޮލަރު (4,318) ރުފިޔާ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

ދިއްލީ ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ އެކުންފުނީގެ މުވައްޒަފުންނާއި އައިލާތަކަށް ހާއްސަ ފެއަރއެއް ތައާރަފްކޮށްފައެވެ. އެގޮތުން އާއިލާއާއި ރައްޓެހީންނަށް މާލެ ދިއްލީ ދެކޮޅު ޓިކެޓު 150 ޑޮލަރަށް ލިބޭނެއެވެ. އަދި މި ފެއަރގެ ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މޯލްޑިވިއަން އިން އިންޑިއާގެ މުމްބާއީ އަށް ދަތުރުތައް ފެށުމަށް ތައްޔާރުވެ އެކަން މިއަހަރުގެ ކުރީ ކޮޅު އިއުލާންވެސް ކުރިއެވެ. ނަމަވެސް އިންޑިއާގެ ކޮވިޑް ހާލަތު ގޯސްވުމާ ގުޅިގެން މުމްބާއީގެ ދަތުރުތައްވަނީ ކެލްސަލް ކޮށްފައެވެ.

ހިޔާލު


ގުޅުންހުރި