ރާއްޖެސަރުކާރު

ތިން ރަށެއްގައި ސެޓެލައިޓް މެދުވެރިކޮށް ކިޔަވައިދޭން ފަށަނީ

18/11/2021

ޒައިން ރަޝީދު


ޝެއަރ

ސްކޫލްގައި ކިޔަވާ ޢުމުރުގެ ކުދިން މަދުވުމުން، ސްކޫލް ނެތް ތިން ރަށެއްގައި މި އަހަރުގެ 2 ވަނަ ޓާރމްގައި ސެޓެލައިޓް މެދުވެރިކޮށް ކިޔަވައިދޭން ނިންމައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ކިޔަވައިދޭން ނިންމާފައިވަނީ ބ. އަތޮޅު ފެހެންދުއާއި، ވ. ތިނަދުއާއި، އެ އަތޮޅު ރަކީދޫގައެވެ. މިރޭ ބޭއްވި 2019 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއީ ސަރުކާރުން ތައުލީމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްކުރާ ކަމެއް ކަމަށެވެ.

"އޭރުން އެ ތިން ރަށުގެ ދަރިވަރުން، ކިޔެވުމަށްޓަކައި ފެރީއެއްގައި އެހެން ރަށަކަށް ދިޔުމަށްޓަކައި އުފުލަންޖެހޭ ބުރަ ފިލައިގެންދާނެ. އެ ތިން ރަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ، މާލޭގެ ހުރަވީ ސްކޫލްގައި ޤާއިމުކޮށްފައި ހުންނަ ސެޓެލައިޓް ހަބްގައި ތިއްބަވާ ޓީޗަރުން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ މުހިންމު ބަދަލުތައް ތަޢުލީމީ ދާއިރާއަށް ގެނައުމުގެ ބޭނުމަކީ، ޤައުމު ތަރައްޤީ ކުރާނެ މީހުން ބިނާކުރުމެވެ. ޤައުމު ތަރައްޤީ ކުރާނެ ގޮތުގެ ވިސްނުން ސިކުނޑީގައި އުފެއްދޭފަދަ، ޢިލްމީ އަދި ޖިސްމާނީ ޤާބިލްކަން ދަރިންނަށް ހޯދައިދެވޭނެ ކަމަށް ރައީސް ވިދާޅުވިއެެވެ.

ހިޔާލު


ގުޅުންހުރި