ރާއްޖެރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދު މާލެ ވަޑައިގެންފި, ހުންނަވަނީ މުރައިދޫގޭގައި

21/11/2021

ޒައިން ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މާލެ ވަޑައިގަތުން - ފޮޓޯ: މަޖިލިސް


ޝެއަރ

ބައިނަލްއަގުވާމީ މުސުމާބެހޭ ބައްދަލުވުން ކޮޕް26 ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިއަދު މާލެ ވަޑައިގެންނެވިއިރު, އެމަނިކުފާނު ހުންނެވުމަށް ސަރުކާރުގެ ކުރީގެ ގެސްޓް ހައުސް މުރައިދޫގެ ހަމަޖައްސާ އެގެ މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކޮށްފައެވެ. އިތުބާރު ހުރިގޮތަކަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ހުންނަވަނީ މުރައިދޫގޭގައެވެ.

ޕްލޭނިންގ މިނިސްޓްރީން މިއަދު ހެނދުނު މީޑިއާއަށް ވިދާޅުވީ މަޖިލީހުގެ ރައީސްގެ ވަގުތީ ގެކޮޅު މުރައިދޫގެ މަރާމަތުކޮށް ނިންމާ, އެ ގެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށެެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެކަންވަނީ ދޮގުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ މުރައިދޫގެ ރަސްމީކޮށް އަދި މަޖިލީހުގެ އިދާރާއާ ހަވާލުނުކުރާ ކަމަށެވެ. އަދި އެތަނުގެ މަރާމާތު އެއްކޮށް ނުނިމޭކަމަށް އޭނާ ވިދާޅުވިއެވެ.

"ނޫން. މުރައިދޫގެ އަދި މަޖިލީހުގެ އިދާރާއާ ރަސްމީކޮށް ހަވާލެއް ނުކުރޭ. އެތަނުގައި ކުރަންޖެހޭ ކަންކަން އަދި ނުނިމޭ" ޒިޔާއު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ސިފައިން ކުންފުނި ސިވެކުން އަދިވެސް ދަނީ އެގޭގެ މަރާމާތުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރައީސް ނަޝީދު ހުންނަވާ ކޮޓަރިކޮޅުގެ މަސައްކަތް ނިންމާފައިވާކަމަށް މައުލޫމާތުލިބެއެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތަަށް ވަޑައިގަތުމުގެ ކުރިން ހުންނެވީ ހޮޓެލް ޖެންގައެވެ. ސަރުކާރުން އޭރު ހޮޓެލް ޖެން ހަމަޖެއްސެވީ ސަލާމަތީ ގޮތުން ބެލުމަށްފަހު މުރައިދޫގޭގެ މަރާމާތުގެ މަސައްކަތް ނިމެންދެނެވެ. އަދި ހޮޓެލް ޖެންއަށް ސަރުކާރުން ހަރަދުކުރާ އަދަދު ސަރުކާރުން ހާމަކުރުމާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

ހިޔާލު


ގުޅުންހުރި