ރާއްޖެސަރުކާރު

ޔާމީން އަކީ އަނިޔާވެރިއެއް, ޝައުގެއް ނެތް: އާދަމް އާޒިމް

04/12/2021

ޒައިން ރަޝީދު

އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް


ޝެއަރ

އަނިޔާވެރި ރައީސް ޔާމީނަށް އެއްވެސް ޝައުޤުވެރިކަމެއް ނެތްކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ, ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާއާ ދިމާކޮށް އެމްޓީސީސީގެ ބަސް ދަތުރުތައް މެދުކަނޑާލިކަމަށް ތުހުމަތުކޮށް އިދިކޮޅު އެކްޓިވިސްޓަކު ކުރި ޓުވީޓަކަށް ޖަވާބު ދެއްވަމުންނެވެ. އާޒިމް ވިދާޅުވީ އަނިޔާވެރި ރައީސް ޔާމީނަށް ޝައުގުވެރިކަމެއް ނެތް ކަމަށާއި އެމްޓީސީސީގެ ހުރިހާ ޝެޑިއުލްޑް ދަތުރުތައް ހުއްޓުމެއްނެތި ރޭގައިވެސް ކުރިއަށް ދިޔަކަމަށެވެ.

އަދި ރައީސް އިބްރާހީމް މުހައްމަދު ސާލިހްއަކީ ހުރިހާ ރައްޔިތުންގެ ރައީސެއްކަމަށާއި ހުރިހާ ރައްޔިތުންނަށް އޯގާތެރިވުމަށް ރައީސް ސޯލިހު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

އާޒިމް މިހެން ވިދާޅުވެ ރައީސް ޔާމީނަށް ފާޑުވިދާޅުވިއިރު, ރައީސް ޔާމީންގެ ވެރިކަމުގައި އާދަމް އާޒިމް ވަނީ އެސްޓީއޯގެ މޭނޭޖިންގ ޑިރެކްޓަރުކަން ކުރައްވާފައެވެ. އޭނާ މަގާމުން ވަކިކުރެއްވީ އާޒިމް ބޭބެ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައިގައި އޭނާ ހައްޔާރުކުރި ހިސާބުންނެވެ.

މުހައްމަދު ނާޒިމް އަކީ މިހާރު މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރެވެ. އޭނާ އުފެއްދެވި އެމްއެންޕީއަށް މީހުން ވެއްދުމުގައި އާދަމް އާޒިމްއާއި އެމްޓީސީސީގެ ބައެއް މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށް އިދިކޮޅުންވަނީ ފާހަގަކޮށްފައެވެ. އަދި އެމްއެންޕީއާ ގުޅޭ ބައެއް މީހުންނަށް އެމްޓީސީސީއިން ވަޒީފާ ދެމުންދާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

ހިޔާލު


ގުޅުންހުރި