ރާއްޖެރައްޔިތުންގެ މަޖިލިސް
ކްރިމިނަލް ކޯޓުގައި ފުނިޖެހިފައި ހުރި މައްސަލަތައް ނިންމަން 16 އަހަރު ނަގާނެ: ހިސާން
16/02/2022
ޒައިން ރަޝީދު
ޝެއަރ
ކްރިމިނަލް ކޯޓުގައި ފުނިޖެހިފައިހުރި މައްސަލަތައް ނިންމަން 16 ވަރަކަށް އަހަރު ނަގާނެކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ހިސާން މިހެން ވިދާޅުވީ ކޯޓުގައި ހުރި މައްސަލަތައް ލަސްވާ މައްސަލައާ ގުޅިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޖޭއެސްސީއާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓާއެކު މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ އެހެން ވިދާޅުވީ ކްރިމިނަލް ކޯޓުން މިހާރު މަސައްކަތް ކުރަމުންދާ ރޭޓަށް ރިޢާޔަތް ކޮށެވެ. އެގޮތުން 2019 ވަނަ އަހަރު މިހާރުގެ ޖޭއެސްސީގެ މެމްބަރުން ހަވާލުވިއިރު ކްރިމިނަލް ކޯޓުގައި 2022 މައްސަލަ އޮތް ކަމަށާއި އަދި ކޮންމެ އަހަރަކު އެވްރެޖްކޮށް 900 މައްސަލަ ކޯޓަށް ހުށަހަމުންދާކަން ފާހަގަކުރެއްވިއެވެ.
މައްސަލަތައް ލަސްވުމުގައި ކޯވިޑްގެ ސަބަބުން ދިމާވި ދަތިތައް ހިމެނޭކަން ފާހަގަކުރައްވާ, ހިސާން ވިދާޅުވީ ކްރިިމިނަލް ކޯޓުގެ ބެކްލޮގްގައި މިހާރުވެސް 1،182 މައްސަލަ އެބައޮތް ކަމަށެވެ. އަދި ހުކުމްކުރުމާ ހަމަޔަށް ދިއުމަށް ކޮންމެ މައްސަލައަކަށް މަދުވެގެން 10 ވަރަކަށް އަޑުއެހުން ބާއްވަން ޖެހެއެވެ. އެހެން ކަމުން މިހާރު މަސައްކަތުގެ ރޭޓުން މިހާރު ފުނިޖެހިފައި ހުރި މައްސަލަތައް ނިންމަން 16 ވަރަކަށް އަހަރު ނަގާނެކަމަށް ވިދާޅުވިއެވެ.
މިމައްސަލަ ހައްލުކުރުމަށް ކޮންމެ ކޯޓެއްގެ ރަސްމީ ގަޑީގެ އިތުރުން މެންދުރު 2:00 އިން ހަވީރު 5:00 އާ ހަމަޔަށް ޝަރީއަތްތައް ކުރިޔަށް ގެންދިއުމާއި ކްރިމިނަލް ކޯޓާއި ޕްްރޮސެކިއުޓާ ޖެނަރަލް އޮފީހަށް މުއައްޒަފުން އިތުރަށް ނަގައިގެން މަސައްކަތް ކޮށްފިނަމަ އެއް އަހަރު ތެރޭގައި މައްސަލަތައް ބަލާ ނިމޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.
ކޯޓުތަކުގައި ހުރި މައްސަލަތައް ލަސްވެގެން ގިޔަ ބަޔަކު ޝަކުވާކޮށް, އެކަން ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ. އެގޮތުން މިއަދު ބޭއްވި ޖުޑީޝިއަރީ ކޮމިޓީގެ ބައްދަލުވުމަކީ މަސައްލަތައް ލަސްވާ ސަބަބު ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ.
ހިޔާލު
ގުޅުންހުރި