ރާއްޖެރައްޔިތުންގެ މަޖިލިސް

ރައީސް ޔާމީންގެ ޝަރީއަތް ލައިވް ނުވެގެން އުޅެނީ ކޮން ސަބަބަކާ ހުރެތޯ ބަލާނަން: ރައީސް ނަޝީދު

16/02/2022

ޒައިން ރަޝީދު


ޝެއަރ

މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީޢަތުގެ އަޑުއެހުންތައް ލައިވް ނުކުރެވިގެން އުޅެނީ ކޮން ސަބަބަކާ ހުރެތޯ ބަައްލަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ކޯޓުގެ އަޑު އެހުންތަކުގެ މަންޒަރާއި އަޑު ލައިވް ނުކުރެވިގެން އުޅެނީ ކީހިނެތް ވެގެންތޯ ކޯޓުގައި އައްސަވާ އެކަން ސާފުކުރައްވާނެ ކަމަށެވެ. އަދި އެކަން ސާފުކުރެއްވުމަށް މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ އަމީން އާންމަށް ދަންނަވާފައެވެ.

މަގާމުގެ ނުފޫޒް ބޭނުންކޮށް ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފާއިވާ ދައުވާގެ ޝަރީއަތްތައް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް ރައީސް ޔާމީންގެ ވަކީލުން ގެންދަނީ ތަކުރާރުކޮށް ކޯޓުގައި އެދެމުންނެވެ. އެހެންނަމަވެސް، އެކަމަށް ގޮތެއް ނިންމަވައި 27 ޖެނުއަރީގައި ބޭއްވި އަޑުއެހުމުގައި ގާޒީ ޝަކީލު ވަނީ, ޝަރީއަތް ލައިވް ނުކުރެވެނީ މިވަގުތު ކޯޓުގެ އިދާރީ އިންތިޒާމުތައް ހުރި ގޮތުން އެކަމުގައި ދަތިތަކެއް ހުރުމުންކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ކޯޓުގެ ވަސީލަތްތައް ހަމަވުމުން ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދިފައެވެ. އަދި ލައިވް ކުރުމަށް މީޑިއާގެ އެހީތެރިކަން ހޯދުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

ހިޔާލު


ގުޅުންހުރި