ރާއްޖެރައްޔިތުންގެ މަޖިލިސް

އިންޑިއާ އައުޓް ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް: މާރިޔާ

17/02/2022

ޒައިން ރަޝީދު


ޝެއަރ

އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ކުރިއަށް ގެންދާ 'އިންޑިއާ-އައުޓް' ކެންޕޭނަކީ ރާއްޖޭގެ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ އިންޑިއާ އައުޓް ކެންޕޭނާ ގުޅޭގޮތުން ދިވެހިންނަށް ލިބިދާނެ ގެއްލުން ދިރާސާ ކުރުމަށް, ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލައާ ގުޅިގެން މިރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިރޭގެ ބައްދަލުވުމަށް ޑިފެންސް މިނިސްޓަރާއި ދިފާއީ ބާރުގެ އިސްވެރިން ހާޒިރުކުރިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އިންޑިއާ އައުޓް ކެންޕޭނަކީ ރައްޔިތުންނަށް އޭގެ ނުރައްކަލާއި ނުހަނު ނިިކަމެތިކަން ލިބޭނެ ކަމެއް ކަމަށެވެ. އަދި އެ ކެންޕެއިން ކުރީގެ ރައީސް ޢަބްދުالله ޔާމީން އިސްވެ ހުންނަވާ ކުރިއަށް ގެންދަވަނީ ރައްޔިތުންގެ ވާނެ ގެއްލުމަކަށް ބެއްލެވުމެއް ނެތި, ޚުދުމުހްތާރުކަން އިސްކުރުމަށް ކަމަށެވެ.

"ޚުދުމުހްތާރު ވެރިކަމަށް ބަދަލުވުމުން, އަވަށްޓެރި އިންޑިއާއިން އެކަމަށް އެބަސްނުވުމުން, އެހާ ހިސާބުން ރައީސް ޔާމީންއަށް އިންޑިއާވެސް ގޯސްވީ އަދި އިންޑިއާ ރައްޔިތުންވެސް ގޯސްވީ" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އުތުރު ތިލަފަޅުގެ އެގްރީމަންޓްގައި އެއްވެސް ގޮތަކަށް 'އެކްސްކުލޫސިވް' ކްލޯސްއެއް ނޯންނާނެ ކަމަށެވެ. އަދި އެތަނަކީ ދިވެހި ސަރުކާރުގެ މިލްކެއް ކަމަށެވެ.

އުތުރު ތިލަފަޅާ ގުޅޭގޮތުން މިރޭ މާރިޔާ މިހެން ވިދާޅުވިއިރު, މިދިޔަ ހަފްތާގައި ރ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ އުތުރު ތިލަފަޅަށް ސަރުކާރުގެ ބާރެއް ނުހިނގާ ކަމަށާއި އެތަނަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށެވެ. އަދި އެތަނުގެ އިތުރުން ރާއްޖޭގެ 5 ސަރަހައްދެއްގައި އިންޑިއާގެ ސިފައިން ގާއިމްވެގެން އެބަތިބި ކަަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން މިކަން ދޮގުކުރެއެވެ.

ހިޔާލު


ގުޅުންހުރި