ރާއްޖެސަރުކާރު
ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުވާ ބޭފުޅަކުވެސް މަގާމަކު ނުހުންނާނެ - ސަރުކާރު
15/09/2022
ޒައިން ރަޝީދު

ޝެއަރ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މިއުވާން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތުވާ ނުވަތަ އެފަދަ މައްސަލައެއް ބަލަމުންދާ އެއްވެސް ބޭފުޅަކު މަގާމުގައި ނުހުންނާނެ ކަމަށް. އޭނާ އެހެން ވިދާޅުވިޔަސް މިހާރުގެ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފްގެ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލައެއް ޕޮރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާ, ކޯޓުން ދަނީ އެމައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަމުން. އެ މައްސަލައިގެ އެންމެ ފަހުން ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ ދައުލަތުން އެދިގެން. އެ ވަގުތު މަހްލޫފް ގެންދެވީ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި އަތޮޅު ތެރެއަށް ޒިޔާރަތްކުރައްވަމުން.
މީގެ އިތުރުން މޯލްޑިވްސް ގޭސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިކްރާމް އަލީގެ ހިޔާނާތުގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން ދަނިކޮށް ސަރުކާރުން ވަނީ އޭނާ ވެމްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަނުކޮށްފަ. އަދި އޭނާގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއްވެސް މީގެ ކުރިން ފެންމަތިވެ އެމައްސަލަވެސް ވަނީ ބަލާފަ.
ނަމަވެސް ސަރުކާރުން ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ހަމަ ކޮރަޕްޝަނަށް 'ޒީރޯ ޓޮލަރެންސް' ކަމަށް.
ހިޔާލު
ގުޅުންހުރި