ވިޔަފާރި

މޯލްޑިވިއަންގެ ހުރިހާ ބޯޓެއް ދެ އަހަރުތެރޭ ބަދަލު ކުރަނީ

19/09/2022

ޒައިން ރަޝީދު


ޝެއަރ

އައިލޭންޑް އޭވިއޭޝަން ސާރވިސް, އައިއޭއެސްއިން ހިންގާ ގައުމީ އެއާލައިން މޯލްޑިވިއަންގެ ހުރިހާ ބޯޓެއް ދެ އަހަރުތެރޭ ބަދަލުކުރަން ނިންމާ އެކަމަށް މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގެ މީޑިއާއަށް ދެއްވި އިންޓައުއެއްގައި އައިއޭއެސްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މިހާދު ވިދާޅުވީ ކުންފުނިން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ދެ އަހަރުތެރޭގައި އެ ކުންފުނީގެ ހުރިހާ ބޯޓެއް ބަދަލު ކުރާށެވެ. އަދި މި އަހަރުތެރޭގައި އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަން އޭޓީއާރު މަރުކާގެ ތިން ބޯޓު ގެންނަން ވަނީ ނިންމާފައެވެ.

ލޯނު ނަގައިގެން ގެންނަ މި ބޯޓުތަކަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އެއިއޭއެސްއިން ލަފާކުރެއެވެ.

ބޯޓުތައް ހޯދަން އެއްބަސްވުންތަކުގައި ސޮއިކޮށް, މި އަހަރުތެރޭގައި ތިން އެއާކްރާފްޓް ގެންނާނެއެވެ. މީގެތެރޭގައި ހިމެނެނީ 72 ސީރީޒްގެ ދެ ބޯޓާއި 42 ސީރީޒްގެ އެއް ބޯޓެވެ.

މޯލްޑިވިއަންގެ އަމާޒު ޔޫރަޕަށް

މޯލްޑިވިއަން އިން މައުލޫމާތު ދޭ ގޮތުގައި އެ ކުންފުނިން ދަނީ ޔޫރަޕަށް އުދުހުމަށްވެސް ތައްޔާރު ވަމުންނެވެ. އެގޮތުން ޔޫރަޕުގެ ދަތުރުތަކަށް ހާއްސަ ކޮށްގެން އޭ321 މަރުކާގެ ބޯޓެއް ގެންނަން ވަނީ ނިންމާފަ އެވެ. މިހާރު އެ ކުންފުނިން ބޭނުން ކުރަނީ އެއާބަސް އޭ320 އާއި އޭ321 ބޯޓެކެވެ.

މިހާރުވެސް މޯލްޑިވިއަންގައި އޭ 321 މަރުކާގެ ބޯޓެއް ބޭނުންކުރެއެވެ. ނަމަވެސް މިހާރު ބޭނުންކުރާ ބޯޓު ފޮނުވާލަން ނިންމާފައިވާކަން މޯލްޑިވިއަން އިން ޔަގީންކޮށްދިނެވެ. ބޯޓު ފޮނުވާލަން ނިންމީ ބޯޓުގެ މެއިންޓަނަންސް ހަރަދު އިންތިހާއަށް ބޮޑުވެގެންނެވެ. ބޯޓުގެ މައިންޓެނަންސްއަށް 500 މިލިއަން ރުފިޔާ ހަރަދުވާނެކަން މޯލްޑިވިއަން އިން ފާހަގަކުރެއެވެ.

މިހާރު އައިލޭންޑް އޭވިއޭޝަން ފްލީޓްގައި 23 ބޯޓެއް ބޭނުން ކުރެ އެވެ.

ހިޔާލު


ގުޅުންހުރި