ރާއްޖެސަރުކާރު

ރާނީގެ ޖަނާޒާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

19/09/2022

ޒައިން ރަޝީދު


ޝެއަރ

މި މަހުގެ 8 ވަނަ ދުވަހު އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތް ދެ ވަނައިގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ވެސްމިންސާ އަބޭކިޔާ, ފައްޅީގައި ބޭއްވި ޖަނާޒާގެ އަޅުކަމުގެ ހަރަކާތުގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރިން ބައިވެރިވިއެވެ.

އަޅުކަމުގެ ހަރަކާތައްފަހު ރާނީގެ ހަށިކޮޅު ވަނީ ލަންޑަނުގެ މުހިއްމު ބިނާތަކަށް ގެންގޮސް އެންމެ ފަހުގެ އިހްތިރާމް އަދާކޮށްފައެވެ. މި ބިނާ ތަކަކީ ރަނީ ރަނިކަމާއި އިނގިރޭސި ރަސްކަމުގެ ބާރު ދައްކުވައިދޭ ތާރީހީ ބިނާތަކެކެވެ.

ވެސްމިންސްޓާ އަބޭގައި މިހާރު ކުރިއަށްދާ ހަރަކާތައްފަހު ރާނީ ފަސްދާނުލުމުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުން އެކަންޏެވެ. އެކަމަނާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އެކަމަނާގެ ބައްޕާފުޅު ރަސްގެފާން ޖޯޖް 6 ވަނަ އަދި މަންމާފުޅާއި ކުރީގެ ރަސްރަސްކަލުންގެ އަރިހުގައި ވިންޑްސާ ކާސަލްގައެވެ.

ރާނީގެ ޖަނާޒާ މިއަދު ބާއްވާއިރު, 3 ދުވަސް ވަންދެން އެކަމަނާގެ ހަށިކޮޅު ބާއްވާފައި އޮތީ ވެސްމިންސްޓާ އަގޭގެ މައި ހޯލުގައެވެ. އަދި އިނގިރޭސިވިލާތާއި ކޮމަންވެލްތްގެ އެތައް ގައުމެއްގެ އެތައްހާސް ރައްޔިތުން ވަނީ އެކަމާއަށް އެންމެ ފަހުގެ އިހްތިރާމް އަދާކޮށްފައެވެ.

ހަފްތާއަކަށް ދިގު ދެމިގެންދިޔަ ޖަނާޒާގެ އެކި ހަރަކާތްތަކަށްފަހު މިއަދަކީ ޖަނާޒާގެ އެންމެ ފަހު ދުވަހެވެ. މިއަދުގެ ހަރަކާތްތަކަށްފަހު މިރޭގެ ވަގުތެއްގައި ހަށިކޮޅު ފަސްދާނުވެޑުވުމަށް ވަނީ ހަމަޖެހިފައެވެ.

ރާނީ އަވަހާރަވުމާއެކު އެކަމަނާގެ ދޮށީދަރިކަލުން އަދި ވަލީއަހުދު ޗާލްސް ވަނީ ރަސްކަމަށް އިސްކޮށްފައެވެ. އަދި މިހާރު އިނގިރޭސި ވަލީއަހުދަކީ ރަސްގެފާން ޗާލްސް 3 ވަނައިގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްއެވެ.

ހިޔާލު


ގުޅުންހުރި