ރާއްޖެސަރުކާރު
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން އިންޑިއާގެ ޖޭއެމްސީއަށް
25/09/2022
ޒައިން ރަޝީދު
ޝެއަރ
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ, އިންޑިއާގެ އެގްޒިމް ބޭންކުން ނަގާ 2.1 ބިލިއަން ރުފިޔާގެ ލޯނަކުން ހިންގާ މަޝްރޫއެކެވެ. އެގްޒިމް ބޭންކުގެ 800 މިލިއަންގެ ކްރެޑިޓްލައިންގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ 2019 ވަނަ އަހަރުގައެވެ.
މި މަޝްރޫއުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީއާ ހަވާލުކުރީ މިދިޔަ އޯގަސްޓް މަހުގައެވެ. މަޝްރޫއު ހަވާލުކުރާނެ ކުންފުންޏެއް ކަނޑައެޅީ މަޝްރޫއަށް ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން އެގްޒިމް ބޭންކުން ކުންފުނިތައް ޝޯޓްލިސްޓް ކުރުމަށްފަހުގައެވެ. މި މަޝްރޫއުގެ މަސައްކަތް ކުރުމަށް ހަތަރު ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.
މަޝްރޫއުގައި ހިމެނެނީ މިހާރުގެ ރަންވޭ އޭ 320 މަރުކާގެ ބޯޑު ޖެއްސޭވަރަށް ބޮޑުކުރުމާއި ދެ ފަންގިފިލާއަށް ހަދާ ޕެސެންޖާ ޓާމިނަލްއާއި ސްޕްލޭން އޭރިއާ އާއި އަދި އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތަކެވެ.
ނަމަވެސް މިރޭ އެއްބަސްވުމުގައި ސޮއިކުރިއިރު އެއާޕޯޓުގައި އަޅަނީ އާ ރަންވޭއެއްތޯ ނުވަތަ މިހާރުގެ ރަންވޭ ބޮޑުކުރަނީ ތޯ ވަނީ ސުވާލު އުފެދިފައެވެ. ސަރުކާރުން ދައުލަތުގެ ޓީވީ މެދުވެރިކޮށް ގެނެސްދިން ރިޕޯޓުގައި ބުނީ އަޅަނީ އާ ރަންވޭއެއްކަމަށެވެ. ނަމަވެސް އިންޑިއާ އެންބަސީން ނެރުނު ވީޑިއޯގައި ބުނީ މިހާރުގެ ރަންވޭ ބޮޑުކުރަނީ ކަމަށެވެ.
ހަނިމާދޫ އެއަރޕޯޓަކީ ރާއްޖޭގައި އެންމެ ދުވަސްވީ އެއް އެއަރޕޯޓެވެ. އަދި 2012 ވަނަ އަހަރު އިންޓަރނޭޝަނަލް ފެންވަރަށް އެއަރޕޯޓް ވަނީ އަޕްގްރޭޑް ކޮށްފައެވެ.
ހިޔާލު
ގުޅުންހުރި