ރާއްޖެސަރުކާރު

މުއްދަތު ހަމަވެފައިވާ އެއްބަސްވުމެއް އާކުރުން, ދައުލަތަށް 18 މިލިއަންގެ ގެއްލުން

26/09/2022

ޒައިން ރަޝީދު

އަލީ ޚާލިދު - ޕީއެސްއެމްގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ


ޝެއަރ

ޕަބްލިކް ސާރވިސް މީޑިއާ, (ޕީއެސްއެމް) އިން ހިންގި މީޑިއަމް ވޭވް ޓްރާންސްމީޓަރު ގާއިމްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވަނިކޮށް އެ އެއްބަސްވުން އާ ކުރުމަށް މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ނިންމުމާ ގުޅިގެން ދައުލަތަށް 18 މިލިއަން ރުފިޔާގެ ގެއްލުންވިކަން ހާމަވެއްޖެއެވެ.

ޕީއެސްއެމަށް އަމާޒުވާ 100 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޕީއެސްއެމްގެ ކުރީގެ ޗީފް އޮޑިޓަރ އަހުމަދު ފަޒީލް ވިދާޅުވީ ޕީއެސްއެމް އިން ކުރިއަށްގެންދިޔަ މީޑިއަމްވޭވް ޓްރާންސްމިޓަރުގެ މަސައްކަތް ހަވާލުކުރުމުގައި އޮޅުވާލާ މަކަރާއި ހީލަތުން ވަކިބަޔަކަށް އެ ޕްރޮޖެކްޓް މިދިޔަ ސަރުކާރުގައި ހަވާލުކޮށްފައިވާ ކަމަށެވެ. 44 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ޝަރުތު ހަމަނުވާ އަދި އެކަމަށް އެކަށީގެންވެސް ނުވާ ބަޔަކަށްކަން އިންޓާނަލް އޯޑިޓުން ފާހަގަވެފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.

ޕްރޮކިއުމަންޓްގެ އުސޫލާ ހިލާފަށް ހަވާލުކޮށްފައިވާ މި ޕްރޮޖެކްޓްގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވަނިކޮށް ޕީއެސްއެމްގެ މީހާރުގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވަނީ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ނިންމާފައެވެ. އަދި އަލީ ޚާލިދުގެ މި ނިންމުމުގެ ސަބަބުން ދައުލަތަށް 18 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާކަމަށް ފަޒީލް ވިދާޅުވިއެވެ.

ޕީއެސްއެމްގެ ކުރީގެ ވެރިން - ފޮޓޯ: ރައީސް އޮފީސް


ގަވާއިދާ ހިލާފު މި އެގްރީމަންޓްގެ މުއްދަތު އާކުރުމަށް ނިންމުމާއެކު ދައުލަތައް ގެއްލުންވި 18 މިލިއަން ރުފިޔާއަށް އަލީ ހާލިދު ޒިންމާވާންޖެހޭނެ ކަމަށް އިންޓާނަލް އޮޑިޓަރު އަހުމަދު ފަޒީލް ނެރުނު އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި މި ރިޕޯޓުގައި އަލީ ޚާލިދުގެ ނަން ހިމެނުމާއެކު އިންޓާނަލް އޮޑިޓް ޔުނިޓަށް އެއްބާރުލުން ދިނުން ހުއްޓާލާފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ. އޭގެ ފަހުން އޮޑިޓް ޔުނިޓުން މަސައްކަތް ނުކުރާކަމަށް ބުނެ އިންޓާނަލް އޮޑިޓް ޔުނިޓް ޕީއެސްއެމުން ވަނީ އުވާލާފައެވެ.

ފަޒީލް އިތުރަށް ވިދާޅުވީ ޕީއެސްއެމްގައި ކޮރަޕްޝަން ހިންގަނީ އެއް ބައެއް ކަމަށާއި އެކަމުގައި ހަރަކާތްތެރި ވަނީ އެތަނުގެ ސެކްޝަންތަކުގެ ވެރިންކަމަށް އޭނާ ތުހުމަތު ކުރިއެވެ. އަދި އެ މީހުން ހަރަކާތްތެރިވަނީ ގޭންގެއްގެ ގޮތުގައި ކަމަށާއި ކުރިންވެސް އަދި މިހާރުވެސް އެކަމުގައި ހަރަކާތްތެރި ވަނީ އެއް ބައެއް ކަމަށް ފަޒީލް ވިދާޅުވިއެވެ.

ޕީއެސްއެމް އިން ހިންގި ކޮރަޕްޝަންގެ އަމަލުތައް 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި އެކިއެކި ޕްރޮޖެކްޓުތައް ހިންގުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމުލުތައް ހާމަކޮށް 30 އަށްވުރެ ގިނަ އޯޑިޓް ރިޕޯޓް ނެރެފައިވެއެވެ.

މި މައްސަލާގައި ޕީއެސްއެމްގެ ބޯޑު މެންބަރުން ކޮމިޓީއަށް ހާޒިރުކުރުމަށް އެސްއޯއީ ކޮމިޓީން ވަނީ ނިންމާފައެވެ.

ހިޔާލު


ގުޅުންހުރި