މީހުން

ލަތީފާގެ ދިފާއުގައި އޭނާގެ ދައްތަ ފަރީދާ: ލަތީފާ އަހަރެން ސަލާމަތް ނުކުރިނަމަ އެމީހުން އަހަރެން މަރާލާނެ!

29/09/2022

ޒައިން ރަޝީދު


ޝެއަރ

މ. ހެޕީލައިފް ގޭގެ އާއިލީ މައްސަލަތައް އެންމެ ފަހުން މާރާމާރީއަށް ބަދަލުވެ އެކަން މީޑިއާއަށް ތިލަވީއެވެ. އެއްބަޔަކު މާރާމާރީގެ ވީޑިއޯ އެމީހުން ބޭނުންވާ ގޮތަށް ސޯޝަލް މީޑިއާގައި ދައުރުކުރަނީއެވެ. އަދި ތުހުމަތުގެ އިނގިލި ދިއްކުރަނީ މ. ހެޕީލައިފް ލަތީފާ އިބްރާހީމް އަށެވެ.

މިއީ މިގޭގެ އާއިލީ މައްސަލަތައް ސޯޝަލް މީޑިއާއަށް ތިލަވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުވެސް މި ގޭގައި ކުއްޔަށް ތިބި ބަޔަކު ގެއިން ނެރެލާ, އެ މައްސަލަ ފުލުހުންނަށް ހުށަހެޅިއެވެ.

ކަމުގެ ހަގީގަތް ހޯދާލިއިރު މިއީ އާއިލީ މައްސަލަތަކާއެކު ތަންފީޒީ އިދާރާތަކުން އިހުމާލުވުމާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ސަބަބުން ދިމާވަމުންދާ އާއިލީ އަދި އިޖުތިމާއީ މައްސަލަތަކާއި ބާރާއި ނުފޫޒުން ކަންކަން ކުރުން ފަދަ އެތައްކަމެއް ހިމެނޭ މައްސަލައެކެވެ.

މ. ހެޕީލައިފް, އާއިލާގެ ތައާރަފެއް

މ. ހެޕީލައިފްގެ މިލްކުވެރި ފަރާތަކީ އިބްރާހީމް މޫސާފުޅެވެ. އޭނާއަކީ މިހާރު 88 އަހަރުވެފައިވާ ބަލި މީހެކެވެ. ދުނިޔޭގައި މޫސާފުޅުގެ 8 ދަރިން އެބަތިއްބެވެ. އެއީ ހަފީޒާ އިބްރާހީމްއާއި އިސްމާޢީލް އިބްރާހީމްއާއި ޝާމިލާ އިބްރާހީމްއާއި އަލީ އިބްރާހީމްއާއި އާދަމް އިބްރާހީމްއާއި ފަރީދާ އިބްރާހީމްއާއި ޢަބްދުالله އިބްރާހީމްއާއި އެންމެ ހަނގު ލަތީފާ އިބްރާހީމްއެވެ.

މޫސާފުޅާއި އެނާގެ އަންހެނުން ކުރިން ދިރިއުޅެމުން އައީ އެމީހުންގެ ދޮށީ އަންހެން ދަރި ހަފީޒާ އިބްރާހީމްގެ ބެލުމުގެ ދަށުން އުފަން ގެ މ. ހެޕީލައިފް ގޭ ގައެވެ. އާއިލީ މައްސަލަތައް ގިނަވެ, މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ދަރީންގެ އުނދަގޫ ބޮޑުވުމުންނާއި މޫސާފުޅުގެ ދެމަފިރިންގެ ބަލިހާލަތުހުރި ގޮތުން މުސްކުޅި ގޭގައި ދިރިއުޅެވެން ނެތިގެން, އެނާ ބޭނުންވީ ހަނގު ދަރި ލަތީފާއާއެކު އެހެން ތަނަކަށް ބަދަލުވާށެވެ. އެގޮތުން 2018 ވަނަ އަހަރު ލަތީފާ ވަނީ އަމިއްލަ ގެއިން ނިކުމެ 2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން އޭނާގެ މުސްކުޅި މަންމައާއި ބައްޕައާއެކު އެތަނަށް ބަދަލުވެފައެވެ. އަދި 2019 ވަނަ އަހަރު މޫސާފުޅުގެ އަންހެނުން ކޮވިޑް ލޮކްޑައުން ތެރޭގައި ނިޔާވިއެވެ.

މޫސާފުޅު ވާހަކަ ދައްކަން ބޭނުން ނުވިޔަސް އޭނާގެ ހާލު ދެރަވީ އާއިލީ މައްސަލަތައް ބޮޑުވެ އެކަމުގެ ފިކުރުގައިކަން އެނގެއެވެ. ބަލި އެނދުގައި އޮންނަ އިރުވެސް އަނިޔާކުރި ދަރިންނާއި ބިރުދައްކައިގެން ފޭރުނު ދަރިންނާއި ކާފަ ދަރިން ފެނުމުން އޭނާ ބިރުގަނެ ޖެހިލުންވެއެވެ. އެހެންކަމުން އެ ދަރިންނާ ބައްދަލުކުރާކަށްވެސް މޫސާފުޅު ބޭނުމެއް ނުވެއެވެ.

އާއިލީ މައްސަލަތަކުގެ ފެށުން

އާއިލީ މައްސަލަތަކުގެ ފެށުމަކީ ފައިސާއާއި ގެދޮރެވެ. އަދި މައްސަލަތައް ބޮޑުވީ މޫސާފުޅު ގެއިން ނިކުތްއިރު ކުއްޔަށް ދީފައިވާ ތަނުގެ ފައިސާ ގެވެށި ގޭގައި އުޅޭ ކުދިން ލިބިގަތުމަށް އެދުނު ހިސާބުންނެވެ. އެގޮތުން އެ މީހުން ބޭނުންވީ މޫސާފުޅަށް ލިބޭ ކުއްޔާއި ޕެންޝަން ފައިސާ ކުދިންނަށް ބައިއަޅައި ކޮންމެ މަހަކު ދިނުމެވެ.

މޫސާފުޅަށް ލިބޭ އާމްދަނީ އަކީ ޕެންޝަނަށް ލިބޭ 5,000 ރުފިޔާ އާއި މ. ހެޕީލައިފް ގޭގައި މޫސާފުޅު އުޅުނު ކޮޓަރި ކުއްޔަށް ދީގެން ލިބޭ 10,000 ރުފިޔާއެވެ. މި ފައިސާއަކީ މޫސާފުޅުގެ ކެއިން ބުއިމާއި ބޭސްފަރުވާ ކުރުމަށް ފުދޭ އެއްޗަކަށް ނުވާތީ ގިނަ ފަހަރު އެކަންކަން ހަމަޖައްސަނީ ލަތީފާ އިބްރާހީމްއެވެ. މޫސާފުޅަށް ލިބޭ މި ފައިސާއިން އޭނާގެ ޚަރަދުތައް ހަމަނުޖެއްސޭތީއާއި ދަރިން އަތަށް ރައްކާ ކުރަން ދިން ފައިސާ އެމީހުން ބޭނުން ކޮށްފައިވާތީ 2019 އިން ފެށިގެން އެއްވެސް ފައިސާއެއް މޫސާފުޅު އެއްވެސް ދަރިއަކަށް ނުދެއެވެ.

ފައިސާގެ ސަބަބުން އުފެދުނު އާއިލީ މައްސަލަތައް އިތުރު ވަމުން ދަނިކޮށް, އޯގަސްޓް 2021 ގައި މޫސާފުޅުގެ ދަރިންގެ ތެރެއިން ޢަލީ އިބްރާހީމް ފަރުވާއަށް ޖަލުން މާލެ ބަދަލުކުރިއެވެ. އޭނާ މާލެ ބަދަލުކުރިއިރު މ. ހެޕީލައިފް ގޭގައި ލަތީފާ އިބްރާހީމްއާއި ފަރީދާ އިބްރާހީމްއާއި މޫސާފުޅު އުޅުނު ކޮޓަރިތައް ހުރީ ކުއްޔަށް ދޫކޮށްފައެވެ. އަދި ހަފީޒާ އިބްރާހީމްވެސް ވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް އިން ފެށިގެން މ. ހެޕީލައިފްގައި އޭނާ އުޅުނު ކޮޓަރި ކުއްޔަށް ދިނުމަށްފަހު އޭނާގެ ފިރިމީހާގެ އުފަން ރަށް އއ. ތޮއްޑޫއަށް ބަދަލުވެފައެވެ.

ޢަލީ އިބްރާހީމް މާލެ ބަދަލުކުރުމާއެކު އާއިލީ މައްސަލަތައް އިތުރަށް ބޮޑުވެގެން ދިޔައެވެ. ފަރީދާ ކިޔައިދިން ގޮތުގައި ޢަލީ އިބްރާހީމްއާއި ޝާމިލާ އިބްރާހީމް ގުޅިގެން މަސައްކަތް ކުރަމުންދިޔައީ މޫސާފުޅު ކުއްޔަށް ދޫކޮށްފައިވާ އޭނާގެ ކޮޓަރީގެ ކުލި އަތުލުމަށެވެ. ކުލި އަތުލުމަށް ކުރި މަސައްކަތުގައި ކުއްޔައް ތިބި މީހުންނަށް އިންޒާރުދީ އުނދަގޫކޮށް, އެ މީހުންގެ ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގާފައިވެއެވެ.

ގޭގެ ޕަވާ އޮފް އެޓާނީ ލާތީފާއާ ހަވާލުކުރީ ކީއްވެ!

ގެދޮރާއި ފައިސާގެ މައްސަލާގައި އާއިލީ މައްސަލަތައް ބޮޑުވެ, އެކަމާ ގުޅިގެން ބައެއް ދަރިން މޫސާފުޅަށް ގެވެށި އަނިޔާވެސް ކުރިއެވެ. ގެވެށި އަނިޔާގެ މައްސަލަ ފެމެލީ ކޯޓަށް ހުށަހަޅާ ގެވެށި އަނިޔާއިން ރައްކާތެރިކުރުމަށާއި, ރައްކާތެރި މާހަލުހެއް ގާއިމްކޮށްދިނުމަށް ފުލުހުންގެ މައްޗަށް ފެމެލީ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އާއިލީ މައްސަލަތަކާއި ގެވެށި އަނިޔާގެ ސަބަބުން, 2019 ވަނަ އަހަރުން ފެށިގެން މޫސާފުޅު ބޭނުންވީ ލަތީފާ އިބްރާހީމްއާއި ފަރީދާ އިބްރާހީމްއާއެކު އެމީހުންގެ ބެލުމުގެ ދަށަށް ދިއުމަށެވެ. މޫސާފުޅުގެ އަންހެނުން ނިޔާވިއިރުވެސް އޭނާ ބެލުމުގައި ލަޠީފާ އާއި ފަރީދާ ފިޔަވައި އެއްވެސް ކުއްޖަކު ޚިދުމަތް ނުކުރި ތަނުގައި ނިޔާވިއިރަށް އަންހެނުންގެ ޕެންޝަން ފައިސާ އާއި މެދު ޝަކުވާ ކުރުމާއި މޫސާފުޅަށް ލިބޭ ފައިސާ ނުލިބިގެން ކުރާ ޝަކުވާގެ ސަބަބުން, މޫސާފުޅު ބޭނުންވީ ގެދޮރާއި ފައިސާއާ ގުޅޭ ޒިންމާތައް ނަގާނެ އަދި އެކަމުގައި މަސައްކަތް ކޮށްދޭނެ ފަރާތެއް އައްޔަނުކުރުމަށެވެ.

ވަކީލުން މެދުވެރިކޮށް ޕަވާ އޮފް އެޓާނީ ތައްޔާރުކޮށް, ފުރަތަމަ އެކަން ހަވާލުކުރަން މަސައްކަތް ކުރީ ދޮށީ ފިރިހެން ދަރި އިސްމާޢީލް އިބްރާހީމްއާއެވެ. ނަމަވެސް އޭނާ ޒިންމާ ނަގަން ދެކޮޅު ހެދުމުން, އޮކްޓޯބަރު 2020ގައި އެ ޒިންމާ ހަވާލުކުރީ ހަނގު ދަރި ލަތީފާ އިބްރާހީމްއާއެވެ. ޕާވާ އޮފް އެޓާނީކަން ލަތީފާއަށް ދިނަސް, މ. ހެޕީލައިފްގެ އެއްވެސް ކުއްޖަކަށް ހިބަކޮށް ދީފައެއް ނުވެއެވެ. ޕަވާ އޮފް އެޓާނީކަން ދިނީ މޫސާފުޅުގެ ބަލި ހާލަތު ހުރި ގޮތުން ގޯއްޗާއި ގުޅޭ ގޮތުން ކުރަންޖެހޭ ކޮންމެ މުއާމަލާތްތެއް ކުރުމަށް މޫސާފުޅުގެ ބަދަލުގައި ތަމްސީލުވުމަށެވެ.

މުއައްސަސާތަކުން އަޅައެއް ނުލި, މައްސަލައަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު

އިބްރާހިމް މޫސާފުޅުގެ ކޮޓަރި ތަޅާލާ އެތަނާއި މ. ހެޕީލައިފް ހިސޯރުކޮށްގެން އުޅޭ މައްސަލަ ނިމުމަކަށް ގެނެސް ދިނުމަށް އެދި ފުލުހުންނަށް ހުށަހެޅި މައްސަލައަށް 30 ދުވަސް ވީއިރުވެސް ބަޔާނެއްވެސް ނަގާފައިނުވެއެވެ. މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެ, ނުފޫޒުން މައްސަލަ ނުބަލާކަމުގެ ޝަކުވާ އެތައް ފަހަރެއްގެ މަތިން އުފުލާފައިވެއެވެ. އެ ގޮތުން އެ މައްސަލަ ތަހުގީގު ކުރަން ހަވާލުކޮށްފައިވާ އިންވެސްޓިގޭޝަން އޮފިސަރ ސީނިއަރ ސަރޖެންޓް އަހްމަދު މުޙައްމަދާ މެދު ޝަކުވާކޮށް ފުލުހުންނަށް ތަކުރާރުކޮށް ސިޓީފޮނުވާފައިވެއެވެ. ނަމަވެސް އެއްވެސް ޝަކުވާއަކަށް ފުލުހުން އެއްވެސް ވަރަކަށް ޖަވާބުވެސް ދީފައެއް ނުވެއެވެ.

މީގެ އިތުރުން މިޝަކުވާތައް ޕްރޮސެކިއުޓަރ ޖެނެރަލްއަށް 24 ނޮވެމްބަރ 2021 ވަނަ ދުވަހު ހުށަހެޅުމުން ގާތްގަޑަކަށް އަހަރެއް ފަހުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން 06 ޖޫން 2022 ވަނަ ދުވަހު ދިން ޖަވާބުގައި ބުނެފައި ވަނީ ސީނިއަރ ސަރޖެންޓް އަހްމަދު މުޙައްމަދު ބަލަމުން ދިޔަ މައްސަލަ, ޢަލީ އިބްރާހިމްގެ މައްޗަށް ޖިނާއީ ދައުވާ ކުރާނެ ހެކި ނެތުމުގެ ސަބަބުން ދައުވާ ނުކުރުމަށް ނިންމާފައިވާކަމަށާއި ނަމަވެސް، މޫސާފުޅަށް ގެވެށި އަނިޔާގެ ޤާނޫނުގެ ދަށުން ރައްކާތެރި އަމުރަކަށް އެދި ފެމިލީ ކޯޓަށް ހުށަހެޅުން ރަނގަޅުވާނެ ކަމަށެވެ.

މައުލޫމާތު ދެމުން ފަރީދާ ބުނި ގޮތުގައިި ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްއަށް އޮޅުވާލާފައެވެ. އެހެނީ އަޙްމަދު މުޙައްމަދު ތަހުގީގު ކުރިގޮތާއި ބަޔާން ނަގަންޖެހޭ މީހުންގެ ބަޔާން ނުނެގުނު ކަމާއި، އަދި އިބްރާހިމް މޫސާފުޅު ގެ ގާތަށް ސީންގައި ތިބި ދެ ފުލުހުންގޮސް އެ މީހުންނަށް އެތަން ފެނުނުއިރު، ހެކިނެތް ކަމަށް ބުނާއިރު، މައްސަލަ ހުށަހެޅިއިރު، ކުއްޔަށް ތިބި ފަރާތުގެ ބަޔާނުންވެސް އެކަން ހިނގި ގޮތް ސްޓޭޓްމަންޓްގައި ލިޔެވިފައިވާކަމަށްވާއިރު، އެކަމާއި ގުޅޭ ގޮތުން އަޙްމަދު މުޙައްމަދަށް ލަޠީފާ ޝަކުވާ ކުރުމުން ސީންއަށް ދިޔަ ދެ ފުލުހުންނަށް އެއްވެސް އެއްޗެއް ފެނިފައިނުވާކަމަށް އެ ދެ ފުލުހުން ބުނެފައިވާ އަހުމަދު މުހައްމަދު ފޯނުން ބުނެފައިވެއެވެ. މީގެ އިތުރުން އަވަށްޓެރިންވެސް ހެކިބަސް ދޭން ތައްޔާރަށް ތިބިއިރު އެފާރާތްތައް ހޯދަންވެސް އެއްވެސް ކަމެއް ކުރުމެއް ނެތި އަޙްމަދު މުޙައްމަދުގެ ނުބައި ނިޔަތުން ތަހުގީގު ޤާނޫނާއި ހިލާފަށް ނިންމާފައިވާކަމަށް ފަރީދާ ދެކެވެ. އެހެންވެ, އަހްމަދު މުޙައްމަދުގެ ސުލޫކީ މައްސަލަ އެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަަހަޅާ, މައްސަލަ އެތަނުން ވަނީ ބަލައިގެންފައެވެ.

ފެން ކުންފުނިން މޫސާފުޅުގެ ނަންމަތީ ހުރި ފެން މީޓަރުތައް ބަދަލުކޮށް ނުދިން

މޫސާފުޅުގެ ނަންމަތީގައި މ. ހެޕީލައިފް ގޭގައި 7 މީޓަރު ފެން ގުޅާފައި އެބަހުއްޓެވެ. ފެން މީޓަރުތަކުން ފެން ބޭނުންކޮށް ފައިސާ ނުދައްކާތީ, އެ މައްސަލަ ބޮޑުވުމުން މޫސާފުޅު ވަނީ އޭނާގެ ނަންމަތީ ހުރި މީޓަރުތަކުގެ ވެރިފަރާތް ބަދަލުކޮށް މޫސާފުޅު އެކައުންޓުތަކުން ވީއްލައި ދިނުމަށް ތަކުރާރުކޮށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގައި އެދިފައެވެ.

ފެން ކުންފުނިން މިކަމުގައި މޫސާފުޅާ ދެކޮޅަށް މަސައްކަތް ކުރި ދަރިންނަށް އެހީތެރިވެދީ, މޫސާފުޅަށް މީޓަރުގެ ވެރިފަރާތް ބަދަލުނުކުރެވޭނެ ހުރިހާ ގޮތެއް ހެދިއެވެ. އެގޮތުން ފުރަަތަމަ ފެން ކުންފުނިން އެދުނީ ފެން ކެނޑުމަށް މޫސާފުޅުގެ ގޯއްޗަށް ވަދެ މަސައްކަތް ކުރުމުގެ ހުއްދަ އޮތް ކޯޓު އަމުރެއް ހޯދާށެވެ. ނަމަވެސް ކޯޓު އަމުރު ހޯދަން ކޯޓަށް ދިއުމުން, ފެން ކުންފުނީގެ ލީގަލް އޮފިސަރު ކޯޓުގައި ބުނީ ފެން ކުންފުންޏަކުން އެފަދަ އަމުރެއް ހޯދަން ބޭނުންނުވާ ކަމަށާއި އެތަނަށް ވަނުމުގެ ސަލާމަތީ ކަންކަން ހަމަޖެއްސުމަކީ މޫސާފުޅުގެ ޒިންމާއެއް ކަމަށާއި ދައުވާ ކުރަންޖެހެނީ ފުލުހުންގެ މައްޗަށް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ފެން ކުންފުނިން ބޭނުންވި ގޮތަށް އެފަދަ އަމުރެއް ކޯޓުން ނުދިނެވެ.

މައްސަލައިގެ ތެރެއަށް ދެން ވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިންނެވެ. އަސާސީ ހިދުމަތެއް ކަނޑަން އުޅޭ ކަމަށް ބުނެ ކުރި ޝަކުވާތަކާ ގުޅިގެން ޔުޓިލިޓީ އޮތޯރިޓީން ވަނީ މައްސަލަ ބަލާ ނިމެންދެން ފެން ނުކެނޑުމަށް ފެން ކުންފުންޏަށް އަންގާފައެވެ. ނަމަވެސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެގޮތަށް ނިންމީ މޫސާފުޅުގެ ބަހެއް ހޯދުމެއް ނެތިއެވެ. އަދި މޫސާފުޅު ފެން ކުންފުންޏަށް ފޮނުވި ސިޓީތަކަށް ރިއާޔަތް ކުރުމެއްވެސް ނެތިއެެވެ.

މި މައްސަލާގައި ފެން ކުންފުނީގެ މުވައްޒަފުން މޫސާފުޅަށް ކުރިމަތިކުރުވި ދަތިތަކާއި އެކަމުގައި ބައިވެރިވާ މުވައްޒަފުންގެ މައްސަލަ ފެން ކުންފުނީގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. އެ ކުންފުނިން އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ. އަދި މީޓަރުތަކުގެ ބެލެނިވެރިކަން މިއަދާހަމައަށްވެސް ބަދަލުކޮށްދީފައެއް ނުވެއެވެ.

ނަމަވެސް މީޓަރުތަކުން ފެން ބޭނުންކުރާތީ ފެން ބިލު ބޮޑުވެ, ބިލު ދެއްކުމަށް ތަކުރާރުކޮށް ފެން ކުންފުނިން ދަނީ ގުޅާ އަންގަމުންނެވެ. އަދި ބިލަށް އަރާ ފައިސާ މޫސާފުޅުގެ އެކައުންޓުން ކަނޑާނެކަމަށް ފެން ކުންފުނިން ދަނީ އިންޒާރު ދެމުންނެވެ.

އާއިލީ މައްސަލާގައި ދައުލަތުން އަދާކުރަންޖެހޭ ދައުރު

މި މައްސަލާގައި ދައުލަތުން އަދާކުރަންޖެހޭ ދައުރު ރަނގަޅަށް އަދާކޮށްފައިވޭތޯ އެއީ އުފެދޭ ބޮޑު ސުވާލެކެވެ. ކަމާގުޅޭ ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް ލަތީފާ ވަނީ މި މައްސަލަ ގެނެސްފައެވެ.

އެއަށްފަހު 29 އޮގަސްޓް 2022 ގައި ލަޠީފާ ވަނީ އޭނާގެ ބައްޕަ އާއި ފަރީދާ އަށްވެސް ގެވެށި އަނިޔާއިން ރައްކާތެރި އަވަސް އަމުރެއް ޢަލީ އިބްރާހިމް އާއި ހަފީޒާ އިބްރާހީމް އާއި ހަފީޒާގެ ދަރި މޫސާ މުސްލިމް އާއި ޝާމިލާ އިބްރާހީމްގެ މައްޗަށް ނެރެފައެވެ. އަދި ފުލުހުން އެ އަމުރު ތަންފީޒުކޮށް ދިނުމަށް ބަޔާންކޮށް ފުލުހުންގެ މައްޗަށްވެސް އަމުރު ރައްދުކޮށްފައިވެއެވެ.

އެ އަމުރުގައި ވަނީ ލަތީފާއާއި ފަރީދާ އާއި އިބްރާހިމް މޫސާފުޅުގެ މައްޗަށް ގެވެށި އަނިޔާގެ އެއްވެސް އަމަލެއް ނުހިންގުމަށާއި މާލީ އަދި އިގްތިސާދީ ގެއްލުން ނުދިނުމަށާއި މ. ހެޕީލައިފް ގޯއްޗާއި މުދާ އެ މުދަލުގެ ވެރިފަރާތަށް ބޭނުން ނުކުރެވޭ ގޮތަށް ނުހިފެހެއްޓުމަށާއި، މުދަލަށް ގެއްލުން ނުދިނުމަށާއި، ބިރު ނުދެއްކުމަށާއި ގޯނާ ނުކުރުމަށް، އަލީ އިބްރާހިމް އާއި ޝާމިލާ އިބްރާހިމް އާއި ހަފީޒާ އިބްރާހިމް އާއި މޫސާ މުސްލިމްގެ މައްޗަށް އަމުރުކުރުކޮށް މި އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ ޚިދުމަތަށް އެދިއްޖެނަމަ ތަންފީޒު ކުރުމަށް އެހީތެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގައި އަމުރުކުރާ ކަމަށެވެ.

ނަމަވެސް، ފުލުހުންނަށް އަމުރު ތަންފީޒު ނުކުރެވުނުއިރު, މ.ހެޕީލައިފް ބޭނުން ކުރުމުގައި އާއިލާއަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށްވެސް ފުލުހުން ވަނީ ނުކުޅެދިފައެވެ. ފުލުހުންނަށް ކުރާ ތުހުމަތު ބޮޑުވެ އެކަމުގެ ޝަކުވާ ގިނަ ވުމުން ފުލުހުން ދައްކަނީ ގެވެށި އަނިޔާގެ ގާނޫނުގައި ދަތްނެތް ވާހަކައެވެ.

ފުލުހުންނާއި މުއައްސަސާތަކުން އަދާކުރަންޖެހޭ ދައުރު ރަނގަޅަށް އަދާކޮށްފައި ނުވާކަމަށް ލަތީފާއި އޭނާގެ ދައްތަ ތުހުމަތުކުރެއެވެ. އަދި އެމީހުން ދެކޭ ގޮތުގައި ކޯޓު އަމުރު ތަންފީޒުކުރުމަށްވެސް ފުލުހުން މަސައްކަތް ނުކުރާއިރު މައްސަލަ މިހާ ގޯސްވެ މަރާމާރީއާ ހިސާބަށް ދިޔައީވެސް ފުލުހުންގެ އިހުމާލުންނެވެ.

"އަހަރަކަށްވުރެ ގިނަ ދުވަސްވީ މި މައްސަލަ ތަހުގީގުކުރަމޭ ފުލުހުން ބުނާތާ. މި ގެޔަށް އެމީހުން އައި ވީޑިއޯ އެބަހުރި. ހުރިހާ ހެއްކަކާ ލިޔުންތައް ދެއްކުމުންވެސް ކޯޓު އަމުރު ތަންފީޒެއް ނުކުރެވޭ. އެތަނުގައި ގާނޫނާއި ގަވާއިދާ ހިލާފު ކަންކަން ހިންގާކަން ރިޕޯޓް ކުރުމުންވެސް ފުލުހުން އަޅައެއް ނުލާ. އެކަންކަން ހުއްޓުވާދޭށޭ ބުނީމަވެސް ފުލުހުން ދެނީ ބީރު ކަންފަތެއް. ދެން ނުބުނެވޭތަ އެމީހުންގެ އިހުމާލުންނޭ މިވަރު މިވީ" ފަރީދާ ކިޔައިދިނެވެ.

ފަރީދާއާއި ލަތީފާ ގަބޫލުކުރާ ގޮތުގައި އެމީހުންގެ ކޮއްކޮ މ. ހެޕީލައިފްގައި ޑްރަގް ކެފޭއެއް ހިންގައެވެ. އެކަމަށް ހުރަސް އަޅާ އެކަން ހުއްޓުވަން ތަކުރާރުކޮށް ފުލުހުންގެ ކިބައިން އެދިފައިވެއެވެ. ނަމަވެސް ހ. ހެޕީލައިފްގޭގެ އިމާރާތަށް ގެއްލުންދީ އެތަނުގައި މީގެ ކުރިން ކުއްޔަށް ތިބި މީހުން ބޭރުކޮށްލީވެސް ހަމަ ފުލުހުންގެ ކުރިމަތީގައެވެ. އެހެންވެ ލަތީފާއާއި ފަރީދާ ފުލުހުންނަށް އިތުބާރެއް ނުކުރެއެވެ. އަދި މި ކަމުގައި ފުލުހުން އިހުމާލުވެ, މި މައްސަލާގައި ފުލުހުންގެ މައްޗަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރެއެވެ.

މީގެ އިތުރުން, ގެވެށި އަނިޔާގެ މައްސަލައާއި އަމިއްލަ މިލްކީޔާތުން މާލީ މަންފާ އޭނާގެ ބައްޕައަށް ނުލިބޭކަން ފާހަގަކޮށް, އެކަމުގައި އެހީވުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީގައި އާދޭސް ކުރުމުން މިނިސްޓްރީން ދިން ޖަވާބަކީ އެންސްޕާއިން ދޭ އެހީ ހޯދުމަށް ފޯމު ހުށަހެޅުމަށެވެ. ގެވެށި އަނިޔާގެ އަވަސް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފެމިލީ ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކޮށް ދިނުމަށް މިނިސްޓްރީން އެއްވެސް މަސައްކަތެއް ނުކުރެއެވެ.

ގޮތް ހުސްވެ މަރާމާރީއާ ހިސާބަށް: ލާތީފާ ނިކުތީ ދައްތަ ސަލާމަތް ކުރަން

ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވީޑިއޯއިން ފެންނަނީ މިމަހުގެ 7 ވަނަ ދުވަހު މ. ހެޕީލައިފް ގޭގައި ހިނގި ހާދިސާގެ ކުޑަކުޑަ ތަންކޮޅެކެވެ. ލަތީފާއަށް އޭނާގެ ބައްޕަ ދީފައިވާ ޕަވާ އޮފް އެޓާނީގެ ދަށުން ލަތީފާ ބޭނުންވީ މ. ހެޕީލައިފް ގޭގައި ހިންގާ ޣައިރު ގާނޫނީ ކަންކަން ހުއްޓުވުމުގެ ގޮތުން, އެތަނުގައި ހުރި ކޮޓަރީގެ ދޮރާއި ފާރުތަޅާލާށެވެ. ސަބަބަކީ ލަތީފާގެ ބޭބެ ޢަލީ އިބްރާހިމް އެތަނުގައި ޑްރަގް ކެފޭއެއް ހިންގާކަމަށް ލަތީފާއަށް ގަބޫލުކުރެވޭތީއެވެ.

ފާރާއި ކޮޓަރީގެ ދޮރު ތަޅާލަން ބަޔަކާ ހަވާލުކޮށް, އެމަސައްކަތް ކުރަން ކޮންޓްރެކްޓަރުން ދިއުމުން ލަތީފާގެ ބޭބެއާއި އެނާއާއެކު އުޅުނު ބަޔަކުވަނީ މަސައްކަތައް ހުރަސްއަޅާފައެވެ. މަސައްކަތް ފެށުމުގެ ކުރިންވެސް ލަތީފާއާއި ދައްތަ ފަރީދާ ވަނީ ތަކުރާރުކޮށް ފުލުހުންނަށް ގުޅާ މަަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކޮށްދީ, ކޯޓު އަމުރު ތަންފީޒު ކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ފުލުހުން އެތަނަކަށް އެ ދުވަހު ނުދެއެވެ. އެންމެފަހުން މަސައްކަތް ކުރަން ހުރަސް އެޅުމުން އެތަނަށް ދިޔައީ ފަރީދާއެއެވެ.

ފަރީދާ ބުނާ ގޮތުން ފުރަތަމަ ހަމަލާދިނީ އޭނާގެ ފިރިހެން ކޮއްކޮއެވެ. އަދި އެކަމުގައި ލަތީފާ މަސައްކަތް ކުރީ އޭނާގެ ދައްތަގެ ދިފާއުގައެވެ.

"އެހާލަތުގައި އަމިއްލަ ދިފާއުގައި, ދައްތަ ސަލާމަތް ކުރަން މަސައްކަތް ނުކުރާނީ ކާކު. ލަތީފާ އައިސް އެކަމެއް ނުކުރިނަމަ ޔަގީން އެމީހުން އަހަރެން މަރާލާނެކަން. އަަހަރެންގެ ކަރުގައި އެކަކު އޮތީ ހިފާފަ. އެކޮޅުގައި ތިބީ 4 މީހުން, އަހަރުމެން މީ ދެ އަންހެނުން." ފަރީދާ ބުންޏެވެ.

ފަރީދާ ދެކޭގޮތުގައި އޭނާގެ ކޮއްކޮ ކުރީ އިންސާނިއްޔަތުކަން ހުރި ކޮންމެ މީހަކު ކުރާނެ ކަމެކެވެ. އަދި ދަރުވަމުންދާ ވީޑިއޯގައި ފެންނަ ބައެއް މީހުންނަކީ 29 އޮގަސްޓް 2022 ގައި އެމީހުންގެ މައްޗަށް މޫސާފުޅާއި ފަރީދާ ގެވެށި އަނިޔާއިން ރައްކާތެރި އަވަސް އަމުރެއް ނެރެފައިވާ މީހުންނެވެ. އަދި ފުލުހުން އެ އަމުރު ތަންފީޒުކޮށް ދިނުމަށް ފުލުހުންގެ މައްޗަށްވެސް އަމުރު ރައްދުކޮށްފައިވެއެވެ.

ލަތީފާ ގެ ބައްޕަގެ ފުރާނަ ސަލާމަތްކުރުމަށް ލަތީފާއާއި ފަރީދާ އެދެނީ މ. ހެޕީލައިފް އިން އެ ބައްޕަ ކުއްޔަށްދީފައިވާ ތަން ކުއްޔަށް ދެވި އާމްދަނީ ލިބި ބޭސްފަރުވާ ކުރެވޭނެ ގޮތެއް ހެދުމަށް, ދައުލަތުގެ މުއައްސަސާތަކުން ގެވެށި އަނިޔާގެ އަވަސް އަމުރާއި ހިލާފުވާ ފަރާތްތަކަށް އަވަސް ފިޔަވަޅު އަޅައިދިނުމެވެ. އިބްރާހިމް މޫސާފުޅުގެ ދިރިހުރުމުގެ ހައްގު ނަގަހައްޓައި ދިނުމުގެ ޒިންމާ އަދާކޮށްދިނުމަށެވެ.

ހިޔާލު


Sistey19:51 2022/10/01

ކީކުރާނީ. ފުލުހައް މައްސަލައެއް ހުށަހަޅައިގެން ދެއަހަރެއްވާއިރު އަދި ބަޔާނަކާ ހަމައައް ނުދެވޭނެ. މަސައްކަތާ ފިލަންބޭނުންވާމީހުން ހުސް ސަރުކާރުގަ. ގިނައިން ގުޅާމީހާ ގޯސްވާނީ.. ކީކުރާނީ މިކަމްކަން ބަލާދޭނެ ބަޔަކުވެސް ނުވާނެ ވިއްޔަ.

ސާޝާ05:44 2022/10/01

ޔާ ﷲ ޖަނަވާރު ޖާހިލު ދަރިންތަކެއް. ނުބާ ނުލަފާކަމުގެ އިންތިހާ. ރަނގަޅު ދެބެން ހިތްވަރުކުރައްވާ. ކާމިޔާބުވާނެ އިންޝާ ﷲ

އަތީމާ16:18 2022/09/30

ލިތީފާ އަށް ނޭގުނު ހަކުރު ގުދަނުގަ ހުޅުޖަހަން މިގޭގަވެސް ތި ކަހަލަ ހަކުރު ގުދަނެއް އެބަހުރި ޕޮލިހުން ނަށް ގުޅިޔަސް ކަހާތަން ހިރުވާވެސްނުލާ ޕޮލިހުންނަށް ބައި އަޅައިގެން ވިއްކާ އެއްޗެއް ހަކުރަކީ ލަތީފާއަށް،ސާބަސް ވ ހިތްވަރުގަދަ

އަބްޖީ07:08 2022/09/30

ލަޠީފާ އާއި ފަރީދާ އެ މީހުންގެ މުސްކުޅި ބައްޕަ ބެލުމަށް ތިޔަ ކުރާ ޖިހާދު ދެކެނެވޮޑިގެންވާ ﷲ ގެ ޙަޟްރަތުން ދަރުމައާއި ރަޙްމަތް މިންވަރުކޮށް ދެއްވާނދޭވެ! ހިތްވަރާއި އެކު ބައްޕަ ބަލަހައްޓާށެވެ! ލަސްތަކެއް ނުވެ ކާމިޔާބު ލިބިދާނެއެވެ!

Ali05:45 2022/09/30

Mulhi system thiothy failvefa. Polihun failve, gender failve, human rights failve, insaafu libeyne hurihaa mageh bandhuvefa. V dhera

ގުޅުންހުރި