ރާއްޖެއިދިކޮޅު

އަޅުގަނޑުގެ ސަރުކާރުގައި ދަރަނި އިތުރުވީ އަހަރަކަށް 4 ބިލިއަން, އެއީ ކުޑަ މިންވަރެއް - ރައީސް ޔާމީން

29/09/2022

ޒައިން ރަޝީދު


ޝެއަރ

2013 އިން 2018 އަށް ވެރިކަން ކުރެއްވިއިރު ރާއްޖޭގެ ދައުލަތުގެ ދަރަނި އިތުރު ވެފައިވަނީ އަހަރަކަށް 4 ބިލިއަން ރުފިޔާ ކަމަށާއި އެއީ ބަޖެޓުގެ ނިސްބަތުން ވަރަށް ކުޑަ އަދަދެއް ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭ ދ. ކުޑަހުވަދޫގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ދަރަނި އިތުރުވި މިންވަރާއި މިސަރުކާރުގެ ދަރަނީގެ އަދަދުތައް އަޅާކިޔުއްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށްފަހުވެސް އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ކޮންމެ އަހަރަކަށް ޖެހެނީ 4 ބިލިއަންގެ ދަރަނި ކަމަށެވެ. އެއީ ވަރަށް ކުޑަ އަދަދެއް ކަމަށް ވިދާޅުވެ, ސިއްހީ ދާއިރާއަށް އެކަނިވެސް ކޮންމެ އަހަރަކު އެވަރުގެ އަދަދެއް ބަޖެޓުކުރާކަން ފާހަގަކުރެއްވިއެވެ.

ނަމަވެސް މިސަރުކާރުން މިހާރުވެސް ކޮންމެ އަހަރަކަށް 10 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާ ކަަމަށް ވިދާޅުވެ ސަރުކާރަށް ރައީސް ޔާމީން ފާޑު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާކަން ދޭހަވާ މޭރުމަކުން ވިދާޅުވީ, ކުރީ ސަރުކާރުން ފެށި މަޝްރޫއުތަކުގެ ރިބަން ކެނޑުމަކީ މި ސަރުކާރުން ހިންގާ މަޝްރޫއުތައް ކަމަށެވެ.

ރައީސް ޔާމީން މިއަދު ކުޑަހުވަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިއީ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން ވާދަކުރައްވާނެކަން އިއުލާންކުރި ފަހުން ޕާޓީގެ ޖަލްސާއެއް އަތޮޅު ތެރޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.

ހިޔާލު


ގުޅުންހުރި