ރާއްޖެސަރުކާރު

ޝާހިދުގެ ސިއްރު އިންޑިއާ ދަތުރުފުޅަށްފަހު ދެން ވަޑައިގަންނަވާނީ ބަހުރެއިނަށް

01/10/2022

ޒައިން ރަޝީދު


ޝެއަރ

ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ސިއްރު ދަތުރުފުޅަށްފަހު ދެން ވަޑައިގަންނަވާނީ ބަހުރެއިނަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ޝާހިދުގެ ދެ އަހަރުގެ ދައުރު ނިމުނުތާ 2 ހަފްތާ ވީއިރުވެސް އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައެއްނުގަންނަވައެވެ.

ނިއު ޔޯކުގައި މަޑުކުރެއްވުމަށްފަހު އދގެ އާންމު މަޖިލީހުގެ 77 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުން މަސައްކަތް ކުރެއްވުމަށްފަހު ދެން ޝާހިދު ވަޑައިގަތީ ރައީސުލުޖުމްހޫރިއްޔާގެ މަންދޫބެއްގެ ހައިސިއްޔަތުން ޖަޕާނަށެވެ. އެއީ ޖުލައި މަހު އަވަހާރަކޮށްލި ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ރަސްމީ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޖަޕާނަށް ކުރެއްވި ދަތުރުފުޅަށްފަހު ދެން ޝާހިދު ވަޑައިގަތީ އިންޑިއާ އަށެވެ. އިންޑިއާ ދަތުރުފުޅުގެ މައުލޫމާތު ހާމަކޮށްފައި ނުވާއިރު, ޝާހިދު އިންޑިޔާއަށް ވަޑައިގެން އެ ގައުމުގެ ވެރިންނާއެކު މަޝްވަރާ ކުރެއްވިކަން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ކަށަވަރު ކޮށްދެއްވިއެވެ. އަދި މި ވަގުތުވެސް ޝާހިދު ހުންނެވީ އިންޑިއާގައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އދގެ މައި މަރުކަޒުގައިވެސް އިންޑިއާގެ ވެރިންނާ ޝާހިދު ބައްދަލުކުރެއްވިއެވެ. އެ ބައްދަލުވުމުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖޭ ޝަންކަރު ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން މިދިޔަ އޯގަސްޓް މަހުވެސް ޝާހިދު އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ.

އިންޑިޔާއަށް މިހާރު ކުރައްވަމުންދާ ސިއްރު ދަތުރުފުޅަށްފަހު ދެން ޝާހިދު ވަޑައިގަންނަވާނީ ބަހުރެއިނަަށް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. ބަހުރެއިނަށް ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ބަހުރެއިނަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބަހުރެއިނަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ތަފުސީލެއް ނުލިބެއެވެ. ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރައީސް ސޯލިހް ދަތުރުފުޅު ކުރައްވާ ތަރީހު އަދި ޔަގީންނުވާ ކަމަށެވެ.

ހިޔާލު


ގުޅުންހުރި