ރާއްޖެސަރުކާރު

އިންޑިއާއިން އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއް

02/10/2022

ޒައިން ރަޝީދު


ޝެއަރ

އިންޑިއާގެ އެގްޒިމް ބޭންކުން އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރުން ނަގާ، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކަވަޓްރާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އިންޑިއާގެ ފަރާތުން ސޮއިކުރީ އެ ޤައުމުގެ އެގްޒިމް ބޭންކުގެ ޖެނެރަލް މެނޭޖަރ ނިރްމިތު ވެޑްއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އެވެ.

މި 100 މިލިއަން ޑޮލަރަކީ މީގެ ކުރިން 2019 ވަނަ އަހަރު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ލޯނުގެ އިތުރަށް ނަގާ 100 މިލިއަނެވެ. އެހެންކަމުން އެގްޒިމް ބޭންކުގެ ލޯނުގެ އަދަދު މިހާރު ވަނީ 900 މިލިއަން ޑޮލަރަށް އަރާފައެވެ.

މީގެ އިތުރުންވެސް ސަރުކާރުން ވަނީ އިންޑިއާއިން ލޯނު ނަގާފައެވެ. އޭގެ ތެރޭގައި ތިލަ-މާލޭ ބްރިޖުގެ މަސައްކަތް ކުރުމަށް ނެގި ލޯނުވެސް ހިމެނެއެވެ.

ލޯނު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ނެގި ލޯނަކުން ގަނެފައިވާ ލޯންޗެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ވަނީ ހަވާލުކޮށްފައެވެ.

ހިޔާލު


ގުޅުންހުރި