ރާއްޖެސަރުކާރު
ކޮރަޕްޝަންގެ މައްސަލަތައް ރައްދު ވަނީ ކުރީގެ ބޯޑަށް - ޕީއެސްއެމް
05/10/2022
ޒައިން ރަޝީދު
ޝެއަރ
ޕީއެސްއެމްގެ އިންޓާނަލް އޮޑިޓަރު ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ރައްދުވަނީ ޕީއެސްއެމްގެ ކުރީގެ ބޯޑަށް ކަމަށް ޕީއެސްއެމްގެ ޗެއާމަން އިބްރާހީމް ހިލްމީ ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިބްރާހީމް ހިލްމީ ވިދާޅުވީ ފާހަގަވެފައިވާ މައްސަލަތަކަކީ ކުރީގެ ބޯޑުން ނިންމާފައިވާ ނިންމުންތައް ކަމަށެވެ. އަދި މިހާރުގެ ބޯޑުން އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ހިލްމީ މިހެން ވިދާޅުވިއިރު, އޭނާ އަކީ ކުރީގެ ބޯޑުގެ ވައިސް ޗެއާމަންއެވެ. ކުރީގެ ބޯޑުން ނިންމި ހުރިހާ ނިންމުމެއްގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކުރީގެ ރައީސް ޢަބްދުالله ޔާމީން ހިލްމީ ޕީއެސްއެމްގެ ބޯޑަށް އައްޔަނު ކުރެއްވީ 2015 ވަނަ އަހަރުގައެވެ. އަދި އޭނާ ދެ ވަނަ ދައުރަކަށް މިހާރުގެ ސަރުކާރުން ޕީއެސްއެމްގެ ބޯޑަށް އައްޔަނު ކުރީ 2018 ވަނަ އަހަރުގައެވެ.
ޕީއެސްއެމަށް ތުހުމަތުވާ 100 މިލިއަންގެ ޚިޔާނާތުގެ މައްސަލަ މަޖިލީހުގެ ކޮމިޓީން ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި އަޑުގެ އެންޓަނާ ޖެހުމުގެ މަސައްކަތް ޕްރޮކިއުމަންޓް އުސޫލާ ހިލާފަށް ސްރީލަންކާގެ ކުންފުންޏަކަށް 52 މިލިއަން ރުފިޔާއަށް ކުރީގެ ބޯޑުން ހަވާލުކޮށްފައިވާ ކަމަށް ޕީއެސްއެމްގެ ކުރީގެ އިންޓާނަލް އޮޑިޓަރު ވަނީ ހާމަކޮށްފައެެވެ. އަދި އެ މައްސަކަތުގެ އެއްބަސްވުން ހަމަވެފައިވަނިކޮށް މިހާރުގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު އެއްބަސްވުން އާ ކުރުމަށް ނިންމި ނިންމުމުގެ ސަބަބުން ދައުލަތަށް 18 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް އޮޑިޓަރު ވިދާޅުވިއެވެ.
މިތުހުމަތު ތަކަށް ރައްދު ދެއްވާ މިއަދުގެ ބައްދަލުވުމުގައި އެމްޑީ އަލީ ޚާލިދު ވިދާޅުވީ އެއްބަސްވުން އާކުރުމަށް ނިންމީ ކުރީގެ ބޯޑުން އެކަން ކުރުމަށް ނިންމާފައިވާތީއާއި އެކަމާ ގުޅޭ ގޮތުން ކުންފުނީގެ ކަމާގުޅޭ އިސްބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. އަދި އެއްބަސްވުން އުވާލުމަށްވުރެ އެއްބަސްވުން އާކުރުން ދައުލަތަށް ފައިދާވާނެކަމަށް ގަބޫލުކުރައްވާތީކަމަށެެވެ.
ޕްރޮކިއުމަންޓް އުސޫލާ ހިލާފަށް ހެދި ކަމަށް ބުނާ މި އެގްރީމަންޓްގެ މުއްދަތު އާކުރުމަށް ނިންމުމާއެކު ދައުލަތައް ގެއްލުންވި 18 މިލިއަން ރުފިޔާއަށް އަލީ ޚާލިދު ޒިންމާވާންޖެހޭނެ ކަމަށް އިންޓާނަލް އޮޑިޓަރު އަހުމަދު ފަޒީލް ނެރުނު އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި މި ރިޕޯޓުގައި އަލީ ޚާލިދުގެ ނަން ހިމެނުމާއެކު އިންޓާނަލް އޮޑިޓް ޔުނިޓަށް އެއްބާރުލުން ދިނުން ހުއްޓާލާފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ. އޭގެ ފަހުން އޮޑިޓް ޔުނިޓުން މަސައްކަތް ނުކުރާކަމަށް ބުނެ އިންޓާނަލް އޮޑިޓް ޔުނިޓް ޕީއެސްއެމުން ވަނީ އުވާލާފައެވެ.
އިންޓާނަލް އޮޑިޓް ޔުނިޓު އުވާލުމާ ގުޅޭ ގޮތުން ޕީއެސްއެމް އިން ވިދާޅުވީ އެ ޔުނިޓް އުވާލީ މަސައްކަތް ނުކުރެވޭތީކަމަށެވެ.
ޕީއެސްއެމް އިން ހިންގި ކޮރަޕްޝަންގެ އަމަލުތައް 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި އެކިއެކި ޕްރޮޖެކްޓުތައް ހިންގުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ހާމަކޮށް 30 އަށްވުރެ ގިނަ އޯޑިޓް ރިޕޯޓް ނެރެފައިވެއެވެ.
މި މައްސަލާގައި މިއަދު ޕީއެސްއެމްގެ ބޯޑު މެންބަރުން ކޮމިޓީއަށް ހާޒިރުކުރިއިރު މީގެ ކުރިން ވަނީ އިންޓާނަލް އޮޑިޓަރ އަހުމަދު ފަޒީލް ހާޒިރުކޮށްފައެވެ. އަދި ކޮމިޓީން ވަނީ އެންޓީ-ކޮރަޕްޝަން ކޮމިޝަން ހާޒިރު ކުރުމަށް ނިންމާފައެވެ.
ހިޔާލު
ގުޅުންހުރި