ރާއްޖެސަރުކާރު

ގެދޮރުވެރިޔާ ޕޯޓަލްއަށް 35 ހާހަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

16/10/2022

ޒައިން ރަޝީދު


ޝެއަރ

ސަރުކާރުން ހުޅުވާލި ފުރުސަތުގައި މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި 35,861 ފޯމް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހާމަކޮށްފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ހާއްސަ ކޮށްގެން ދޫކުރާ ގޯއްޗާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށް ދޫކުރާ ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވީ ރޭ ގައެވެ. މުއްދަތު ހަމަވިއިރު ޖުމުލަ 35،861 ފޯމް ހުށައަޅާފައިވެއެވެ.

މީގެ ތެރޭގައި ހިމެނެނީ ގޯތި ހޯދުމަށް ބިންވެރިޔާ ސްކީމަށް ހުށަހެޅި 15،164 ފޯމާއި މާލޭ ސަރަހައްދުން ފްލެޓް ހޯދުމަށް ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓަށް ހުށަހެޅި 14،489 ފޯމާއި، 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި ހުށަހެޅި 6،208 ފޯމެވެ.

ފޯމު ހުށަހަޅާފައިވަނީ ކިޔޫގައި ނުޖެހި، ސަރުކާރުން ތައްޔާރުކުރި އޮންލައިން ޕޯޓަލް 'ގެދޮރުވެރިޔާ' ޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލް މެދުވެރިކޮށް މައުލޫމާތާއި ބޭނުންވާ ލިޔެކިޔުން ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.

ފޯމްތަކުގެ މަސައްކަތް މާދަމާ ފަށާ، އިވެލުއޭޓްކޮށް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާވެލޭނެ ކަމަށް މިނިސްޓްރީން އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ބުނެއެވެ.

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން މާލޭ ރައްޔިތުންނަށް މާލޭ ސަރަހައްދުން ހިލޭ ބިން ދޫކުރުމަށް ނިންމާ، އެކަމަށް އެދި ފޯމު ހުށަހަޅާފައިވާއިރު، ވަކި ބަޔަކަށް ހިލޭ ބިން ދޫކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ބުނެ އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ދަނީ ވަރަށް ބޯޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

ހިޔާލު


ގުޅުންހުރި