ރާއްޖެސަރުކާރު
ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް ދައުލަތުން 6.6 މިލިއަން ރުފިޔާ
26/10/2022
ޒައިން ރަޝީދު
ޝެއަރ
މިދިޔަ މަހު ސަރުކާރުން ފާހަގަކުރި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރުމާއި ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް 6.6 މިލިއަން ރުފިޔާ ޚަރަދުކުރިކަން ހާމަވެއްޖެއެވެ. މިކަން ހާމަވީ މައުލޫމާތު ހޯދާ ލިބިގަތުގެ ހައްގުގެ ދަށުން 'ސުކުން' އިން ހުށަހެޅި ފޯމަށް ޖަވާބު ދެއްވާ ޓޫރިޒަމް މިނިސްޓްރީން ހިއްސާކުރި މައުލޫމާތުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ 29 ސެޕްޓެމްބަރާއި 2 އަދި 3 އޮކްޓޯބަރުގައި ބޭއްވި 3 ހަފްލާއަށް ޖުމުލަ 6.6 މިލިއަން ދައުލަތުގެ ބަޖެޓުން ވަނީ ޚަރަދުކޮށްފައެވެ.
އެގޮތުން 29 ސެޕްޓެމްބަރު 2022 ގައި ކްރޮސްރޯޑުގައި ބޭއްވި އެޕްރީސިއޭޝަން ރިސެޕްޝަނަށް އެކަނިވެސް 3.3 މިލިއަން ވަނީ ހަރަދުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ އިވެންޓް މެނޭޖްކުރަން ޚަރަދުކުރި 2.8 މިލިއަން ރުފިޔާއާއި އެހަފްލާގައި ބެހި އެވޯޑުތައް ހެދުމަށް 398,000 ރުފިޔާއެވެ.
ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް 2 އޮކްޓޯބަރު 2022 ގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާއަށް 1.5 މިލިއަން ހަރަދުކޮށްފައިވެއެވެ. މި އިވެންޓް މެނޭޖްކުރުމަށް 1 މިލިއަން ޚަރަދުކުރިއިރު ކެއުމަށް 159,000 ޚަރަދުވިއެވެ. މީގެ އިތުރުން ދަރުބާރުގޭ ކުއްޔަށް ހިފުމަށް 200,890 ރުފިޔާއާއި ހަފްލާގައި ދިން އެވޯޑުތައްޔާރު ކުރުމަށް 157,166 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން 3 އޮކްޓޯބަރު 2022 ގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި ގޯލްޑަން އިޔާ ގާލާ އިވެންޓު ބޭއްވުމަށް 1.6 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ.
މި ތިން އިވެންޓަށްވެސް ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކަށް ދައުވަތު އެރުވިއެވެ. އެކަމަށްޓަކާ 102,685 ރުފިޔާ ޚަރަދުވިކަމަށް ޓޫރިޒަމް މިިނިސްޓްރީން ހާމަކުރި މައުލޫމާތުން ހާމަވެއެވެ. އެހެން ކަމުން ޖެހިޖެހިގެން ބޭއްވި މި ތިން އިވެންޓަށް މުޅި ޖުމުލަ 6,684,075.79 ދައުލަތުން ވަނީ ޚަރުދުކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން މި ވަރަށް ހަފްލާތަކަށް ހަރަދުކުރިއިރު, ދައުލަތުގެ ދަރަނި ބޮޑުވެ ސަރުކާރުގެ ޚަރަދު ކުޑަކުރަމުންދާކަމަށް ސަރުކާރުން ބުނެއެވެ. އަދި ސަރުކާރުގެ މުއައްސަސާތަކުން 5,000 ރުފިޔާއަށްވުރެ މަތިން ހަރަދުކުރާނަމަ ހުއްދަ ހޯދުމަށާއި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ނޫން ހަރަދުތައް ނުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.
މީގެ އިތުރުން ދައުލަތުގެ ދަރަނި ފޫބެއްދުމަށް ސަރުކާރުން ވަނީ އަންނަ ޖެނުއަރީން ފެށިގެން ޓެކްސް ބޮޑުކުރުމަށް ނިންމާފައެވެ.
ހިޔާލު
ގުޅުންހުރި