ރާއްޖެސަރުކާރު

ޚާރިޖީ ވަޒީރު ޝާހިދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

29/10/2022

ޒައިން ރަޝީދު


ޝެއަރ

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުުން ޖިންސީ އަނިޔާތައް ހުއްޓުވުމަށް އިނގިރޭސި ބޮޑުވަޒީރު ކަނޑައަޅުއްވާފައިވާ މަންދޫބާއި މެދު އިރުމައްޗާއި ދެކުނު އޭޝިޔާއާއި އދ. ގެ ކަންކަމާބެހޭ މިނިސްޓަރ އޮފް ސްޓޭޓް ލޯޑް އަޙްމަދު އޮފް ވިމްބްލްޓަންއާ ވެސް ޝާހިދު ބައްދަލުކުރައްވާނެެކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިނިސްޓަރ ފޯ އޭޝިޔާ, އެނާޖީ ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް ލޯޑް ގޯލްޑް ސްމިތާއި ހައުސް އޮފް ކޮމަންސް އަދި ހައުސް އޮފް ލޯޑްސްގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާނެއެވެ.

ފޮރިން މިނިސްޓަރު އިނގިރޭސިވިލާތަށް މި ވަޑައިގަންނަވަނީ ޗާގޯސް މައްސަލާގައި އިނގިރޭސީންނާއެކު ދިވެހި ސަރުކާރުން ޒަމާނުއްސުރެން ގެންގުޅެމުން އައި ސިޔާސަތު ބަދަލުކޮށް, ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު ޤަބޫލުކުރަން ދިވެހި ސަރުކާރުން ނިންމާ އެކަމާ ގުޅޭގޮތުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާ ވަގުތެއްގައެވެ.

ނަމަވެސް ސަރުކާރުގެ ތަރުޖަމާން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސިޔާސަތަށް އައި ބަދަލުގެ ސަބަބުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ.

ހިޔާލު


ގުޅުންހުރި